ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފަށާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.
މާދަމާގެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބާއްވާ ޖަލްސާއެކެވެ.
އެ ޖަލްސާގެ އެޖެންޑާވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ ހާމަކޮށްފައެވެ. އެޖެޑާގައިވާގޮތުން މާދަމާ ޖަލްސާ ފަށަން ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައި، މަޖިލިސް ކުރާ ގޭގައެވެ. މި ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.
މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމްވެ ވަޑައިގަންނަވާ ބަޔާނެކެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
އެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެދުވަހުގެ މަޖިލިސް ޖަލްސާ ނިންމަވައިލައްވާނެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ޖަވާބު ދެއްވުމަށް ޖެހިވަޑައިގަންނަވާނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވާފައި ވަނީ މަޖިލިހުގެ މައިނޯރިޓީ ލީޑަރުގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު ރެޑްވޭވް އަހުމަދު ސަލީމެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް 21 ޖަނަވަރީ 2019 ގެ ދެންނެވުމުން ހަމަޖައްސަވާފައިވާތީ، މާދަމާއަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު