ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ވަކިވަކި ފަރާތްތަކުން ހިންގާފައިވާ ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ އަމުރެއް ނެރެދިނުމަށް ޕީޕީއެމްގެ ފަރާތުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސެއިން ޝަމީމްގެ އަރިހުގައި އެދިއްޖެއެވެ.
ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް އެދުނީ ވަކިވަކި ފަރުދުން ހިންގާފައިވާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކަށް ވާތީވެ އެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ގާނޫނުން ލިބިދެނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކަމަށްވުމުން ކަމަށެވެ. ނަމަވެސް އެ މުއައްސަސާއިން އެކަންކަން ތަހުގީގުކުރުމުގައި ލަސްތަކެއް ހުރުމުން ނުވަތަ އެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލަތައް ބަލަމުންދާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ވަނީ ރިޔާސީ އިންތިހާބާ ގުޅޭ 25 ކަމެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް މިދިޔަ ހަފުތާގައި ފުލުހަށް ހުށަހަޅައިފައެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެ މައްސަލަތައް ބެލުމުގައި އެއްވެސް ކަމެއް އެ މުއައްސަސާއިން ކޮށްފައިވާކަން އެނގެން ނެތް ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
އެހެންވެ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ޅ. އަށް ރިއާޔަތްކޮށް ޕީޕީއެމުން ފުލުހަށް ހުށަހަޅައި ތަހުގީގު ކުރިއަށް ނުދާ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ޅ. ގައި ވަނީ ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި، އެކަމެއް ތަހުގީގުކުރުމުގެ އަމުރު ނެރުން ރަނގަޅު ކަމަށް ޕީޖީއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު