ށ. ކޮމަންޑޫ އާއި އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ރ. އުނގޫފާރުން ވެލިނަގަނީ ގާނޫނާ ހިލާފަށްކަމަށް އުނގޫރާރު ކައުންސިލުން ބުނާއިރު، އެއީ ގަވައިދާ ހިލާފު ކަމެއް ނޫން ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) އިން ބުނެފިއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަން"އަށް ވިދާޅުވީ، އުނގޫފާރުން ވެލިނަގާ މައްސަލަ އަތޮޅު ކައުންސިލުގެ ފަރާތުން އެންވަޔަރްމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށާއި ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަތޮޅު ކައުންސިލުގެ ފަރާތުން އެދުނީ ވެލިނެގުން ހުއްޓުވައިދިނުމަށްކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ، އުނގޫފާރުން ވެލި ނަގަމުންދަނީ ކައުންސިލުގެ ހުއްދަ ނެތި ކަމަށެވެ. އެހެންވެ އެކަން ހުއްޓުވައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އަތޮޅުގެ ދުވާފަރު ބޭރުގެ ސަރަހައްދުން 410،000 ކޮޑިމީޓަރުގެ ނަގައިގެން އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދަން އީއައިއޭ ރިޕޯޓު ހަދައި މި އަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައި ވަނިކޮށް، ބަޖެޓްގައި ނެތް މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫއަށް އެ ތަނުން ވެލި ނަގަން ފަށާފައިވާ ކަމަށެވެ.

"އުނގޫރާރު ކައުންސިލުން އެންގީ މަހާޖައްރާފު ގޮސް ވެލި ނަގަމުންދާކަމަށް، އެކަން ވާނީ ސަރުކާރުގެ އަދި އެމްޓީސީސީގެ ސަމާލުކަމަށް ގެނެސްފައި." ނާސިފް ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ، މަތިކޮމަންޑޫ ހިއްކަން ބޭނުންވާނަމަ އަލުން އެންވަޔަރްމެންޓު އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ހަދަން ޖެހޭނެ ކަމަށެވެ. އެ ރިޕޯޓު ނުހަދައި މިހާރު ވެލިނަގަން ފަށާފައިވާ ކަމަށާއި އެހެންވެ އީޕީއޭގައި އެކަން ހުއްޓުވައިދިނުމަށް އެދިފައިވާނެ ކަމަށެވެ. ނާސިފް ވިދާޅުވީ ވެލި ނެގުމަކުން ކައުންސިލަށް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެކަން ކުރައްވަން ޖެހޭނީ ގާނޫނާ އެއްގޮތަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

"މައްސަލައެއް ނެތް ވެލި ނެގިޔަސް، ބަޖެޓުކޮށް އީއައިއޭ އޮންނަންވާނެ އެކަމަކު، އީއައިއޭ ނެތް މަޝްރޫއެއް ހިންގަނީ ސިޔާސީ މަންފާއަށް އިންތިހާބާ ދިމާކޮށް." ނާސިފް ވިދާޅުވިއެވެ.

ނާސިފުގެ ވާހަކަތަކާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު އިބްރާހީމް ނައީމު ވިދާޅުވީ، މަތިކޮމަންޑޫ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތައް ވެލިނަގަމުން އަންނަނީ ލާމަރުކަޒީ ގާނޫނުގެ އަށްވަނަ މާއްދާ އާއި ތިމާވެށި ހިމާޔަތްކުރުމާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ އީއައިއޭ ރިޕޯޓު ވެސް ހަދާފައިވާ ކަމަށެވެ. ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއް ވެސް ނަގާފައިވާކަމަށް ނައީމް ވިދާޅުވިއެވެ.

"ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އޭނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ 56- (އ) ގައުމީ ތަރައްގީއާ ގުޅުންހުރި ކަމަކާގުޅޭ ގޮތުން ރަށުގެ ނުވަތަ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ ހަރުމުދަލެއް ހިމެނޭގޮތަށް މަޝްރޫއެއް ކުރިއަށްގެންދަން ދައުލަތުން ބޭނުންވެއްޖެނަމަ ކައުންސިލުން އެ މަޝްރޫއެއް ހިންގަން ހިންގަން ދައުލަތައް ދޭންޖެހޭ ހުއްދަ ދޭންވާނެއެވެ" ވެލިނެގުމުގެ މަސައްކަތް ދަނީ ގާނޫނާ އެއްގޮތަށްކަން ޔާގިންކޮށްދިނުމަށްޓަކައި ނައީމު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބައި ވިދާޅުވިއެވެ.

ނައީމު އިތުރަށް ވިދާޅުވީ، މަތިކޮމަންޑޫ މަޝްރޫއު ބަޖެޓުގައި ހިމަނާފައި ނެތުމަކީ އީޕީއޭގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ އިދާރާއިން އަބަދުވެސް މަސައްކަތްކުރަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ ދުވާފަރުން ވެލިނަގަނީ ހަމައެކަނި މަތިކޮމަންޑޫ މަޝްރޫއަށް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

"ހަމަ އެތަނުން ވެލިނަގަނީ، ދުވާފަރު ހިއްކީވެސް އެރަށު ބޭރުން ވެލި ނަގައިގެން، އެތަނުން އަރި އަތޮޅަށާއި ބ. އަތޮޅަށް އަދި މާލެ އަށާއި ފުވައްމުލަކަށް ވެސް ވެލި ގެންދޭ، އެއީ ބޮޑު ވެލިގަނޑެއް އޮންނަ ތަނެއް" ނައީމް ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅާލުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޝްރޫއު ހަވާލުކުރީ 249.9 މިލިއަން ރުފިޔާއަށް 730 ދުވަސްތެރޭ ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮއްޓެއް ގާއިމުކުރާނެއެވެ. އެމްޓީސީސީން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ މަޝްރޫއުގެ މަސައްކަތް ފަށައިފައެވެ.

ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓު، އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން އިފްތިތާހުކުރަން މިމަހުގެ ހަތްވަނަ ދުވަހު ކޮމަންޑޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.