ރައްޔިތުންގެ މަޖިލިހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ކެންޑިޑޭޓަކު ނެރުއްވައިގެން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ، އިދިކޮޅު ޕީޕީއެމް އަށާއި އެޕާޓީގެ ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ކޮށްދެއްވާ މަސައްކަތެއް ކަމަށް ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، އެ ޕާޓީން ކުރަމުންގެންދާ މަސައްކަތަކީ އެ ދާއިރާއިން އެމްޑީޕީއަށް ލިބޭ ވޯޓު މަދު ކުރުން ކަމަށެވެ.

ކޮމަންޑޫ ދާިއރާގެ ބައި އިލެކްޝަން ގައި އެމްއެންޕީން ވާދަކުރައްވަނީ އަބްދުލް ހަންނާނު އިދުރީސް އެވެ.

ޝިފާޒު ވިދާޅުވީ، އެދާއިރާގެ ކަންތައްތައް ހުރިގޮތަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ވަރަށް އެމްއެންޕީގެ ކެނޑިޑޭޓަށް ވޯޓު ނުލިބޭނެކަން ސާފުވާ ކަމަށެވެ. އެހެންކަމުން އެދާއިރާގެ ރައްޔިތުން އެ ޕާޓީއަށްދޭ ވޯޓު ވެގެންދާނީ ޕީޕީއެމްއަށް ދޭ ވޯޓަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބޭކާރު ވޯޓެއް ދިނުމުގެ ބަދަލުގައި، ބައި އިލެކްޝަންގައި ހުރިހާ ބޭފުޅުންވެސް އެމްޑީޕީއަށް ވޯޓު ދިނުމަށް ޝިފާޒު އެދިވަޑައިގެންނެވިއެވެ.

ޝިފާޒު ވިދާޅުވީ، މީގެކުރިން އެމްއެންޕީން މި ސަރުކާރުގެ ރަނގަޅު ވާހަކަ އެތައް ޕޯޑިއަމެއްގައި ދައްކާފައިވާ ކަމަށެވެ. އަދި އެބޭފުޅުން ބޭނުންވާ ކަންތައްތައް ސަރުކާރުގެ ތެރެއިން ފަސޭހަކަމާއެކު ކުރަމުންދިޔަ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބައި އިލެކްޝަންގައި އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައެޅުމާއެކު ސަރުކާރަށް ފާޑުކިޔަން ފެށި ކަމަށާއި މިހާރު ސަރުކާރު ނުބައި ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާއަށް ކަންތައްތައް ކޮށްދޭ ވާހަކަ އިދިކޮޅު ޕީޕީއެމުން ދައްކާއިރު، އެކަންތައްތަކަކީ މީގެކުރިން 2008 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނައިގެން އެ ދާއިރާއަށް ކޮށްދޭން ނިންމާފައިވާ ކަންތައްތައް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި، ކޮމަންޑޫދާއިރާގައި ހިންގެވީ އެންމެ މަޝްރޫއެއް ކަމާއި، އެއީ އެ އަތޮޅު މަރޮށީގައި ބަށި ކޯޓެއް އަޅައިދިނުން ކަމަށްވެސް ވިދާޅުވިއެވެ.