ނިމިގެން ދިޔަ ޖެނުއަރީގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރަށް ޕްރިމިއާ ލީގު ކްލަބުތަކުން 295 މިލިއަން ޕައުންޑުގެ ހޭދައެއް ކޮށްފިއެވެ.

އެ އަދަދަށް ޕްރިމިއާ ލީގުގެ ކްލަބުތަކުން ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހަރަދު ކޮށްފައިވާ އިރު، މިއީ ލީގުގެ ތާރީހުގައިވެސް ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރެއްގައި ދެވަނައަށް އެންމެ ގިނައިން ހޭދަކުރި އަހަރެވެ. ޖެނުއަރީ ޓްރާންސްފާ ސީޒަނެއްގައި ޕްރިމިއާ ލީގު ކްލަބުތަކުން އެންމެ ގިނައިން ހޭދަކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. ކޮވިޑް ކުރިން އެ އަހަރު ކްލަބުތަކުން ވަނީ 430 މިލިއަން ޕައުންޑް ޖެނުއަރީ ޓްރާންސްފާތަކަށް ހަރަދު ކޮށްފައެވެ.

މިއަހަރުގެ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޕްރިމިއާ ލީގުގެ 12 ކްލަބަކުން ހަރަދު ކޮށްފައިވާ އިރު، އެންމެ ބޮޑެތި ހަރަދުތައް ކުރީ ޓޮޓެންހަމްއިންނެވެ. ހަމަ އެކަނި ޑެޑްލައިން ޑޭގައިވެސް ޓޮޓެންހަމްއިން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. މިދިޔަ އަހަރާ އަޅައި ބަލާއިރު، މިއަހަރު ޑެޑްލައިން ޑޭއަށްވުރެވެސް މިދިޔަ އަހަރު ކްލަބުތަކުން ޖެނުއަރީގައި ކުރި ހަރަދު ކުޑައެވެ.

މިދިޔަ އަހަރު ޖެނުއަރީ ޓްރާންސްފާ ބާޒާރަށް ކްލަބުތަކުން 70 މިލިއަން ޕައުންޑް ހަރަދު ކުރިއިރު، މިފަހަރު ޑެޑްލައިން ޑޭ ގައި އެކަނިވެސް 80 މިލިއަން ޕައުންޑް ހަރަދު ކުރިއެވެ.

ޕްރިމިއާ ލީގު ކްލަބުތަކުން ޖެނުއަރީ ޓްރާންސްފާ ބާޒާރަށް ކުރި ހަރަދުގެ ދެބައިކުޅަ އެއްބައި، 150 މިލިއަން ޕައުންޑް ހަރަދުކުރީ ލީގުގެ އެންމެ ފުލުގައި އޮތް ފަސް ޓީމުންނެވެ.

ޕްރިމިއާ ލީގު ނަގައިފައި ދެން އޮތް ޔޫރަޕްގެ އެންމެ ވަރުގަދަ ހަތަރު ލީގުގެ ކްލަބުތަކުން ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރަށް ޖުމުލަ ހަރަދުކުރީ 217 މިލިއަން ޕައުންޑެވެ. ޕްރިމިއާ ލީގާއި އިނގިރޭސި ދެވަނަ ޑިވިޝަނަށްވުރެ ބޮޑު ހަތަރު ލީގެއްގެ ޖުމުލަ ބޮޑުވަނީ އެންމެ ދެ ޕައުންޑަށެވެ. އެހެންކަމުން ޕްރިމިއާ ލީގުގައި އޮތް ފައިސާގެ ތަނަވަސްކަން އެކަމުން ފެނިގެން ދިޔައެވެ.

ސްޕާސްއިން ޑެޑްލައިން ޑޭގައި 24 މިލިއަން ޕައުންޑަށް ޔުވެންޓަސްއިން ދެ ކުޅުންތެރިން ގެނެސް، އެވަޓަން އަށް 40 މިލިއަން ޕައުންޑަށް ޑެލީ އަލީ ވިއްކާލި އެވެ. ނިއުކާސަލްއިން ޑެޑްލައިން ޑޭގައި ދެ ޑިފެންޑަރުން ކްލަބަށް ގެންގޮސްފައިވާ އިރު، މެންޗެސްޓާ ސިޓީ އާއި ބާންލީން ވަނީ ކޮންމެ ކްލަބަކުންވެސް 10 މިލިއަން ޕައުންޑުގެ މަތިން ފޯވަޑެއް ގެންގޮސްފައެވެ.

އޭގެ އިތުރުން ހިނގައިދިޔަ ޓްރާންސްފާތަކަށް ބަލާއިރު، ޕިއޭ އެމްރިކް އަބަމަޔާން ވަނީ އާސެނަލް ދޫކޮށް، ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާއަށް ގޮސްފައެވެ. ރޭގެ ވަގުތެއްގައި ޔުވެންޓަސްއިން އާރޯން ރެމްސީ ރޭންޖާސް އަށް ގޮސްފައިވާ އިރު، އުސްމާން ޑެމްބޭލޭ މަޑުކުރީ ބާސާގައެވެ.