މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި އެންމެންނަށް ހަމަހަމަކަމާއެކީގައި ވަޒީފާގެ ފުރުސަތުތައް ހޯދައިދެއްވާނެކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރާ އަބްދުލް ހަންނާނު އިދްރީސަށް ކެމްޕޭނުކުރުމަށް ހަންނާނުގެ މާލެ ކެންޕެއިން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް އައި ޕާޓީއެއް ކަމަށެވެ.

ނާޒިމް ވިދާޅުވީ، ވަޒީފާ ހޯދުމަކީ އުނދަގޫކަމެއް ކަމަށާއި ނަމަވެސް ފެނިގެންދާ މަންޒަރަކީ އިންތިހާބާ ދިމާކޮށް ގިނަ ބަޔަކަށް އެއްފަހަރާ ވަޒީފާތައް ދިނުން ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހަމަހަމަކަމާއެކީގައި ހުރިހާ އެންމެންނަށް ވަޒީފާ ހޯދައިދޭން އަޅުގަނޑު މަސައްކަތް ކޮށްދޭނަން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ގާތަށް އެމްއެންޕީއަށް ވުރެ ގިނައިން ޒިޔާރަތްކުރި އެހެން ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި އެ ދާއިރާއިގެ ރައްޔިތުން ތިބީ ވަރަށް ހާލުގައިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެ ހާލަތުން އެހެން ހާލަތަކަށް ރައްޔިތުން ގެންގޮސްދިނުމަށް ވަކާލާތުކުރާނެ މީހަކީ ހަންނާނު ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ހަންނާނަކީ ވަގުތަށް ކަމޭހިތާ ބޭފުޅެއް ކަމަށާއި އޭނާއަކީ ކޮމަންޑޫ ދާއިރާގެ ފަހުރު ކަމަށެވެ.