ޚަބަރު

ޔާމީނަށް ހުކުމްކުރުން އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއެއްގެ ހުކުމްކުރާ ޝަރީއަތް ކުރިމިނަލް ކޯޓުން އަވަސްކުރީ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ސަރުކާރާއި އެމްޑީޕީ ގުޅިގެން އުފައްދާފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުން އެކުލަވާލައިފައިވާ ތާވަލުގައިވާ ދުވަހަށްވުރެ ކުރިން ހުކުމް ކުރުމަށް ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވައިލެވޭ ތާރީހުތަކަށް، އެ ދެ ފަރާތާ މަޝްވަރާކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއްދުވަހަކު ރައީސް ޔާމީން ހުންނަވަން ޖެހިވަޑައިގަންނަވާނީ ކޯޓުގައި ކަމަށާއި، އެކަމަކީ އެމްޑީޕީގެ ނުފޫޒު އޮވެގެން ކުރިމިނަލް ކޯޓުން ގެނެސްފައިވާ ބަދަލެއް ކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.

"މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކުހެން ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ މި މައްސަލައިގެ އަޑުއެހުންތަކުގައި ކޯޓުގައިކަންވެސް ފާހަގަކުރަމެވެ. ހަމައެއާއެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަ ކުރެއެވެ..،" އިދިކޮޅުން ކޯލިޝަނުން ބުންޏެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ރާޑޯ)ގެ ކެމްޕޭން ޖަލްސާތަކުގައި މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީޕީ އެކްޓިވިސްޓުން ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަދައްކާފައިވާ ކަމަށެވެ.

"ދާދި ފަހުން ސަރުކާރުގެ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ އިތުރުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީޕީ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމްތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި، ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާއި މީގެ އިތުރުންވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަދައްކައި އެކަމަށް ބާރު އަޅައި މަސައްކަތް ކުރަމުންދާކަންވެސް ވަނީ ހާމަވެފައެވެ..،" އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީން ނުފޫޒު ފޯރުވައި، ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުންގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ ކުރިއަށްގެންދިއުމަށް އެކުލަވައިލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

ރ. ފުއްގިރި އާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިއަދު ބުނެފައެވެ.

އާރަށު މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އެކުލަވާލައިފައެވެ. އެ ތަވާލުގައިވާ ގޮތުން ހުކުމްކުރުން އޮތީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ފުއްގިރި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އޭރު ތައްޔާރުކޮށްފައެއް ނުވެއެވެ.

ކުރިމިނަލް ކޯޓުގެ އޮފިޝަލަކު މިރޭ "ވަން" އަށް ވިދާޅުވީ، ފުއްގިރި މައްސަލައިގެ ތާވަލު ތައްޔާރުކޮށްފައިވަނީ މިއަދު ކަމަށާއި، ތާވަލުގައިވާ މައުލޫމާތު ހިއްސާކުރާނީ އެ މައްސަލައިގައި ދެން އެންމެ އަވަހަށް ބާއްވާ އަޑުއެހުމެއްގައި ކަމަށެވެ.