އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ފަދަ ރާއްޖެ އާއި ބޭރު ގައުމުތަކާދެމެދު އޮންނަ ހާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާ ފަރާތްތަކަށް ހަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން މަސައްކަތް ފަށައިފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު، ވަން އަށް މިއަދު ވިދާޅުވީ، ރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ގާނޫނީ ނުވަތަ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް، ނުވަތަ އެއްބަސްވުންތަކާ، ނުވަތަ ދެ ގައުމުން ބަލައިގެންފައިވާ އުސޫލުތަކާ އެއްގޮތަށް އޮތް ކަމެއްގައި، އެ ގައުމެއް ނުވަތަ އެގައުމެއްގެ ސަރުކާރާއި މުއައްސަސާތަކާއި ދެކޮޅަށް ރައްޔިތުންގެ ނަމުގައި، ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވިޔަސް މުޒާހަރާ ކުރުމާއި، ކެމްޕޭން ކުރުމާއި، ސިޔާސީ ހަރަކާތް ހިންގުމަކީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާނެ އަމަލެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލު ވަނީ، ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގުތިސޯދީ ބާރުވެރިކަމުގެ ދަށުގައި ކަމަށް ދެއްކުމުގެ ގޮތުން އެ ގައުމަކާއި ނުވަތަ އެ ގައުމެއްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި، އެ ގައުމުތަކުގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާނެ ކަމެއްގެ ގޮތުގައި ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބިލުގައި ބުނާގޮތުން ރާއްޖެ އާއި ދޭދޭ ގައުމުތަކާ އޮންނަ ގުޅުމަށް ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، މި ގާނޫނު ތަންފީޒުވާކަން ކަށަވަރު ކުރުމަކީ ފޮރިން މިނިސްޓަރުގެ ޒިންމާ އެކެވެ.

ބިލުގައިވާގޮތުން ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާ މީހަކު އެކުރަނީ ކުށެކެވެ. އެހެންކަމުން އެ ހިންގާ އަމަލުގެ ބޮޑު ކުޑަމިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަށް ޖަލަށް ހުކުމް ކުރެވިދާނެ ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު އިސްކޮށް ހުންނަވައިގެން، ސަރުކާރާ ދެކޮޅަށް ކުރިއަށްގެންދާ "އިންޑިއާއައުޓް" ކެމްޕޭން ފުޅާ ކުރަމުންދާއިރު އެކި ފަރާތަތްކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާބެހޭގޮތުން އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިިންތި) ވަން އަށް މިއަދު ވިދާޅުވީ، އެ ހަރަކާތަކީ އެގޮތަށް ކުރިއަށް ގެންދެވޭނެ ހަރަކާތެއް ނޫން ކަމަށާއި އެކަމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި އެއީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމެއް ކަމަށާއި އެހެންކަމުން އެއީ ހުއްޓަން ޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެކަން ހުޓުވުމަށް ކުރެވިދާނެ ކަންތައްތަކާމެދު އެމްޑީޕީން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.