ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި އިގުތިސޯދުގެ އެހެން ދާއިރާތަކަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުރިއެރުން ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނެފިއެވެ.
އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ކުއާޓަލީ ބިޒްނަސް ސާވޭ 2021 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަލީ ނުވަތަ މިދިޔަ އަހަރުގެ އެންމެ ފަހު ތިންމަހު ރާއްޖޭގެ އިގުތިސޯދުގައި މުހިއްމު ދައުރެއް އަދާކޮށްފައިވަނީ ފަތުރުވެރިކަމާއި ޓްރާންސްޕޯޓާއި ހޯލްސޭލާއި މުވާސަލާތީ ދާއިރާ އަދި ރީޓެއިލް ވިޔަފާރީތަކުން ކަމަށެވެ.
އެ ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް އިތުރުވެފައިވާ ކަމަށާއި ނަމަވެސް އިމާރާތްކުރުމުގެ ދާއިރާ އާއި ހޯލްސޭލް ދާއިރާއިން އިގުތިސޯދަށް ލިބުނު ފައިދާ ދަށް ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތު އުފެދުނު މިންވަރު ވެސް ދަށް ކަމަށް ރިޕޯޓްގައިވެއެވެ.
އިމާރާތްކުރުމުގެ ދާއިރާއިން ކުރިއެރުން ލިބިފައިނުވާ ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ބުނެފައިވަނީ އެ ދާއިރާގެ މަސައްކަތުގެ އަގު ލިބުން ލަސްވާތީ ކަމަށެވެ. ރޯމެޓީރިއަލް ގަންނަން ލިބޭ އަގު ބޮޑުވުމާއި ބޭރު ފައިސާ ލިބުން ދަތިވުމަކީ ވެސް އިމާރަތްކުރުމުގެ ދާއިރާ ކުރިއެރުން ނުލިބުނު ސަބަބެއްގެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް މިދިޔަ އަހަރުގެ ތިން މަހު ފައިދާވެފައިވާއިރު އެމްއެމްއޭއިން ވަނީ އެ ދާއިރާއަށް ފައިދާވާނެ ކަމަށް އެއަހަރު ލަފާކޮށްފައެވެ. އަދި މިއަހަރުގެ ފުރަތަމަ ތިން މަހު ވެސް ފަތުރުވެރިކަމުން އިގުތިސޯދަށް ކުރިއެރުން ލިބޭނެ ކަމަށް ރިޕޯޓުގައި އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓް އެކުލަވާލަނީ އެ ރިޕޯޓް އަމާޒު ކުރާ ކުއާޓަރާއި ކުރިއަށް އޮންނަ ކުއާޓަރަށް ލަފާކޮށް އިގުތިސޯދީ މައިގަނޑު ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދައިގެން ކުރިއަށް ގެންދާ ސާވޭ އަކަށް ފަހުއެވެ. އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓް ނެރެން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
އެ ރިޕޯޓު ނެރުމުގެ މައިގަނޑު ބޭނުމަކީ އިގުތިސޯދަށް އަންނަ ބަދަލުތައް ދެނަގަނެ އެކަންކަމަށް ސިޔާސަތުތައް ކަނޑައެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު