އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ހިންގަމުންދާ "އިންޑިއާ އައުޓު" ކެމްޕެއިނުގައި 1988 ނޮވެމްބަރު ތިނެއްގެ ބަތަލު ޝަހީދު ހުސައިން އާދާމްގެ ފޮޓޯ ބޭނުން ކުރަމުންދާތީ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓު" ކެމްޕެއިނުގެ ތެރެއިން މިހާރު ފުވައްމުލަކު ސިޓީގައި ހިންގާ ހަރަކާތުގެ ތެރެއިން ޝަހީދު ހުސައިން އާދަމްގެ ފޮޓޯއާއެކު އިންޑިއާ އައުޓު ޖަހައިގެން ޕޯސްޓަރުތައް ހަދައި ދަނީ ބޭނުން ކުރަމުންނެވެ.
މިކަމާ ނުރުހުން ފާޅުކުރަމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް ކަމަށާއި އަދި ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ.
ޔާސިރު ވިދާޅުވީ ސިޔާސީ ބޭނުމަށް ގައުމީ ބަތޮލުގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަހުލާގެއް ބެހެއްޓެވުން މުހިންމު ކަމަށެވެ. މިއީ ޝަހީދު ހުސައިންގެ ފުރާނައަށް ހުރުމަތް ކެނޑުން ކަމަށްވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އިތުރު މެންބަރުންނާއި އާންމު ބައެއް ރައްޔިތުންވެސް އަންނަނީ މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް ފާޑު ކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުސައިން އާދަމަކީ ގައުމީ ބަތަލެއް ކަމަށާއި އޭނާ އަށް އިހުތިރާމު ކުޑަވާ ގޮތަށް ސިޔާސީ ބޭނުމަށްޓަކައި ފޮޓޯ ބޭނުން ކުރުމަކީ ގައްދާރުންގެ އަމަލެއް ކަމަށެވެ. ސިޔާސީ ގޮތުން ކޮންމެ ކަމެއް ކުރިޔަސް، ހުސައިން އާދަމް ކުރި ޖިހާދަށްޓަކައި ކޮންމެވެސް އިހުތިރާމެއް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ކުރަމުންދާ އިންޑިއާ އައުޓު ކެމްޕެއިނުގައި ޝަހީދު ހުސައިން އާދަމުގެ ފޮޓޯ ހިމެނޭ ޕޯސްޓަރާ އެކު އާންމު މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިއީ ގައުމު ދެކެ ލޯބިވާނެ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ސިޔާސީ މަންފާ ނަގައި ގައުމު ހަލަބޮލި ކުރަން ބޭނުންކުރެވޭފަދަ ބޭފުޅެއްގެ ފޮޓޯ ނޫން ކަމަށާއި މިފަދަ ދަށު ދަރަޖައިގެ އަމަލު ހުއްޓާލަން ޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު