ޚަބަރު

ފުލުސް ޑިއުޓީގައި މަސްތުވާތަކެތި ބޭނުންކޮށްގެން ވަކިކުރި މީހަކަށް ދޭން އެންގި ފައިސާ ދޫނުކުރަން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ޑިއުޓީގައި ހުރެ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ކުށުގައި މުހައްމަދު އިބްރާހިމް ހ. ކުއްޅަވައްގެ ވަޒީފާއިން ވަކިކުރީ އިޖުރާއީ އަދުލުވެރިކަން ފުރިހަމަ ނުކޮށް ކަމަށްބުނެ، ބަދަލުގެ ގޮތުގައި އޭނާއަށް ދޭން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލްކޯޓުން އަމުރުކުރި ފައިސާ ދޫ ނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ޕޮލިސް ޗީފް ސްޓޭޝަން އިނިސްޕެކްޓަރު ކަމުގެ މަގާމު އަދާކުރަމުން ދަނިކޮށް، ނުވައެއް ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ ޑިއުޓީގައި ހުރެ މަސްތުވާތަކެތި ބޭނުންކުރި ކަމަށްބުނެ ފުލުހުން މުހައްމަދު އިބްރާހިމް ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާތަކެތި އަތުލައި ބެލި ބެލުމުން އަލްކަހޯލް އަށް އޭނާ ޕޮޒިޓިވް ވެފައިވާ ކަމަށްބުނެ، 11 ފެބްރުއަރީ 2018 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި އޭނާ ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.

އޭނާ ކުރި ދައުވާގައި ބުނެފައިވަނީ، ވަޒީފާއިން ވަކި ކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުން މަހުރޫމްކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ނުދީ ކަމަށެވެ. އޭގެ އިތުރުން އެކަން ކޮށްފައި ވަނީ އެމައްސަލަ ތަހުގީގު ކުރަންޖެހޭ މިންވަރަށް ތަހުގީގު ނުކޮށް ކަމަށްވާތީ، އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ

އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫއަ ކޮށްދިނުމާއި، ވަޒީފާއަށް އަނބުރާ ރުޖޫއަކޮށްދޭ ތާރީހާ ހަމައަށް އެ ވަޒީފާގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް އެ ދައުވާގައި އޭނާ އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، މި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރުމެއްނެތި ކަމުގައި ވީނަމަވެސް މައުލޫއީ އަދުލުވެރިކަން ގާއިމުކޮށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންކަން ސާބިތުވާކަމަށެވެ.

އެހެންކަމުން ވަޒީފާ އަނބުރާ އިއާދަ ކުރަން ޖެހޭ ތަނެއް ނެތް ކަމަށާއި، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމު ކުރުމެއްނެތި އޭނާ ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން އަދުލުވެރި ބަދަލެއްގެ ގޮތުން 126،934.8 އޭނާއަށް ދޭން ޖެހޭނެކަމަށް ކަނޑައަޅައި އެއްމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލްކޯޓަށް ދެއްކުމަށް ހޯމް މިނިސްޓްރީ އަށާއި ދިވެހި ދައުލަތުގެ މައްޗަށް އެ ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެއާއެކު ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށްވެސް ހޯމް މިނިސްޓްރީން ވަނީ ހައިކޯޓުގައި އެދިފައެވެ.

އެކަމާގުޅިގެން ބުރާސް ފަތި ދުވަހު ހައިކޯޓުން ކޮށްފައިވާ އަމުރުގައި ވަނީ، އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ނުވަތަ، އެކަމުގައި އެހެން ގޮތަކަށް އެކޯޓުން އަންގަންދެން، ހޯމް މިނިސްޓްރީން މުހައްމަދު އިބްރާހިމް އަށް ދައްކަން ޖެހޭ ކަމަށް ސިވިލްކޯޓުުން ކުރި ހުކުމްގައިވާގޮތުގެ މަތިން ސިވިލްކޯޓަށް ދައްކާ ފައިސާ އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް އަމުރު ކުރާ ކަމަށެވެ.