ށ. ކޮމަންޑޫގައި ކުރިއަށް ގެންދާ އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ސިޔާސީ ރެލީތައް މެދުކަނޑާލަން އެރަށު ކައުންސިލުން އަންގައިފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ މައި ދެ ޕާޓީ، އެމްޑީޕީއާއި ޕީޕީއެމުން މިއަދު ހަވީރު ވަނީ އެރަށުގައި ހިނގާލުމެއް ބާއްވައިފައެވެ. ނަމަވެސް އެ ހިނގާލުންތައް ވަކި ހިސާބަކުން ވަނީ މެދުކަނޑާލައިފައެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން މިރޭ "ވަން" އަށް ވިދާޅުވީ، ހަރަކާތްތައް މެދުކަނޑާލަން ކައުންސިލުން އެންގީ، ރަށުގައި ކޮންމެވެސް ވަރަކަށް ކޮވިޑް ކޭސްތައް އުޅޭތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

އެގޮތުން އެރަށުގައި މިހާރުވެސް ކޮވިޑަށް ޕޮޒިޓިވް 25 މީހަކު އެބަ ތިއްބެވެ. އަދި 30 ގެއެއް ކަރަންޓީނު ކޮށްފައިވާ އިރު، ރަށް މޮނީޓަރިންގެ ހާލަތަށް އަދި ގެނެސްފައެއް ނުވެއެވެ.

ސިނާން ވިދާޅުވީ ރެލީތައް މެދުކަނޑާލި ނަމަވެސް ކެމްޕެއިންގެ އެހެން ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި އިންތިހާބާ ދެމެދު އޮތް މުއްދަތުގައި ގިނަ މީހުން އެއްވެ ހިންގާ ބޮޑެތި ހަރަކާތްތައް ނުބާއްވަން އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމަންޑޫގައި ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް އުޅޭއިރު އެ ދާއިރާގެ ބައި-އިލެކްޝަންގެ ކެންޕެއިންގެ ހަރަކާތްތަކުގެ ފޯރި ވަނީ ގަދަވެފައެވެ. އަދި އެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްޑީޕީއާއި ޕީޕީއެމް އަދި އެ ގޮނޑިއަށް ދެން ވާދަކުރާ އެމްއެންޕީގެ ލީޑާޝިޕުގެ ބޭފުޅުންނާއި ސަޕޯޓަރުން އެރަށްތަކަށް ދަނީ ދަތުރު ކުރަމުންނެވެ.