ކޮންމެ ހުކުރު ދުވަހަކީވެސް ހާއްސަ ދުވަހެކެވެ. މުސްލިމުންގެ ހަފުތާ އީދު ދުވަހަށްވާތީއެވެ. ދިވެހިންގެ އެންމެ އާދައިގެ ގެއިން ފެށިގެން އެންމެ މުއްސަނދި ގޭގޭގައިވެސް މިއަދު ހާއްސަ ވާނެއެވެ. ލާ ހެދުމުން ފެށިގެން ކާބޯތަކެއްޗާ ހަމައަށްވެސް ތަފާތުގޮތެއް މިއަދު ފެންނާނެއެވެ.
ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އުވެމުން ނެތެމުން ގޮސްފައިމެ އަނެއްކާވެސް އާލާވެގަންނަ އާދައެއް އޮންނަނީ ހުކުރު ދުވަހުގައެވެ. ކޮންމެ ހާލެއްގައިވެސް ހުކުރަށް ދާން ހުދު ކުލަ ލިބެން އޮތިއްޔާ އެހެން ކުލައެއް ބޭނުން ކުރާކަށް ހިތެއް ނޭދެއެވެ. ކިރިޔާވެސް ވެގެންވަންޏާ ހުކުރު ހެދުން ވާން ޖެހެނީ އާ ހެދުމަކަށެވެ. އާ ހެދުމެއް ލައިގެން ނޫނީ ހުކުރަށް ދިއުމަކަށް ހިތްހަމައެއް ނުޖެހެއެވެ. އެންމެ ކުޑައިރުއްސުރެވެސް މި އާދަ އަންނަނީ މަތިމަތިފުށުން ވާރުތަވަމުން އަންނަ ސަގާފީ އާއިލީ ރަސްމީ އާދައެއްގެ ގޮތަށް ދިވެހިންގެ ތެރޭގައި ފެތުރެމުންނެވެ.
"މާދަމާ ހުކުރެއްނު. މިރޭ ވާނެ ބަދިގެއަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެފަ ބަހައްޓަން. ހެނދުނު ހެނދުނާ ހޭލައިގެން ފިހާރައަކަށް ނުދެވޭނެ. އެހެންނޫނަސް މިރޭ ނިދާނީ ލަހުން. އަވަހަކަށް ހެއެއްވެސް ނުލެވޭނެ. ފިހާރައިން ގަންނަން ޖެހޭ ހުރިހާ ވައްތަރެއްގެ އެއްޗެހި ލިސްޓުކޮށްގެން ގަންނަން ހިނގާ. މެންދުރަށް ރަނގަޅަށް ކައްކަން ޖެހޭނެ. އެއްވެސް އެއްޗެއް މަދުވެއްޖެއްޔާ ރަނގަޅެއް ނުވާނެ،"
މިއީ އާންމުކޮށް ވަރަށް ގިނަ ގޭގެއިން އިވޭ އަޑެކެވެ. ހުކުރުވިލޭރެއަކީ ޕާޓީ ރެއެވެ. މަޖާ ކުރާ، މަޖާ ނަގާ ރެއެވެ. ގޭގައި ކޮންމެވެސް ކަހަލަ ކުޅިމަޖާ ސަކަރާތެއްވެސް އޮންނާނެއެވެ. ކުޑަޔަސް ބޮޑަސް ނިދާން އިރާކޮޅު އެނދަށް އަރައި ރަޖާލާކަށް ނުޖެހޭނެއެވެ. ދަންވަންދެން ހޭލައި އުޅެވޭނެއެވެ. ހެނދުނު އަވަހަށް ހޭލާކަށްވެސް ނުޖެހޭނެއެވެ. އެއްވެސް މީހަކު ގޮވާކަށް ނާންނާނެއެވެ. ބޭނުން އިރެއް ވަންދެން ނިދާފައި އޮވެވޭނެއެވެ. ހުކުރަށް ދިއުމަށް ހޭލީމަ ރަނގަޅުވާނެއެވެ. މިއީ ގާތްގަޑަކަށްހެން ދިވެހި ހުރިހާ ގެއެއްގެވެސް އާދައެވެ.
ހުކުރު ދުވަހު ނުވައެއް، ދިހައެއް ޖެހުމަށްފަހު އަންހެންވެރިން އަތުކުރި އޮޅާލަނީ ބަދިގެއަށް ވަނުމަށެވެ. ހުކުރުން ފައިބައިގެން ގެއަށް އަންނަ ގޭގެ ފިރިހެންވެރީންނަށް ހާއްސަކޮށް ތައްޔާރު ކުރާ ސުފުރާމަތި މުއްސަނދި ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އަންހެންވެރިން ކުރާނެއެވެ. އެއް އަތުން ދޮންނަ މެޝިނުގެ ކަންތައް ބަލަހައްޓަމުން، އަނެއް އަތުން އުނދުން ހެޔޮވަރުކޮށް އުދާފަ ހުރި އެތީގެ ލޮނު ނޫނީ ފޮނި ނޫނީ އެހެން ހުރިހާ ރަހަވެސް ހެޔޮވަރު ކުރަމުން ދާއިރު އަދި މި ނިމުނީއެއް ނޫނެވެ. ގޭތެރެ ފޮޅާ ސާފުކުރުމާއި އެނދުގެ މިލަފޭއްޔާއި ބާލީހުއުރައިގެ އިތުރުން ދޮރުފޮތިތައްވެސް ދާނީ ބަދަލުކުރެވެމުންނެވެ. މިވަރުން ނިމުނީއެއް ނޫނެވެ. އެގާރަ ޖަހަންވާއިރަށް އިސްތިރިކޮށް ކޮނޑުތަކުގައި އަޅުވައިލެވޭ ހުކުރު ހެދުންތަކުގައި ހުވަނދުލަމުން، ގޭގަ އުޅޭ ހުރިހާ ކުދިބޮޑު ފިރިހެނުންނަށް ގޮވައި ހުކުރު ނަމާދަށް ދިއުމަށް ހޭލައްވައި، އެމީހުންނަށް ކޮންމެވެސް ކަހަލަ ލުއިލުއި ނާސްތާއެއް ދީ، ފެންވަރުވަން ޖެހޭ ވަރުގެ ކުޑަކުއްޖެއް ކަމަށް ވަންޏާ ފެންވަރުވައި ރީތިކޮށް ގަޑިއަށް ބޮޑެތި މީހުންނާއެކު މިސްކިތަށް ފޮނުވުމަކީވެސް ގޭގައި ތިބޭ އަންހެނުން އުފަލުން ކުރާ ކަމެކެވެ.
"ކޮންމެ ހުކުރު ދުވަހަކު ކޮއްކޮގެ ބައްޕަ އޭނާ ބަލައި އަންނާނެ. ވަކިވެގެން ދެމީހުން ދެ ގޭގައި އުޅެން ފެށިފަހުންވެސް ބަރާބަރަށް ހުކުރަށް ގެންދަން ބަލައި އަންނާނެ. ގޮވައިގެން ގޮސް ނަމާދުން ނިމިގެން އަންނަ މަގުމަތީގައި ބައެއް ދުވަސްދުވަހު އެގެއިން ނޫނީ ކޮންމެވެސް އެހެން ތަނަކުން ކައިގެން އަންނާނީ. އެއީ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން. އެކަމަކު އޭނާގެ ބައްޕަވީމަ މާބޮޑަކަށް ދެކޮޅެއް ނުހަދަން،"
"ހުކުރު ދުވަހު ސުފުރާ މަތީ ކޮންމެހެންވެސް ކުކުޅުގެ ޑިޝް ހުންނަން ޖެހޭނެ. އެހެން ނޫނީ އެއީ ހުކުރު ދުވަހުގެ މެންދުރު ކަމަކަށް ނުވޭ."
ކޮންމެ ގެއެއްގެ ބަދިގެއަކަށް ވަނަސް، ކޮންމެ ގެއެއްގެ އޮޅިގަނޑު ހުރަސްކޮށްލިޔަސް މާލޭގެ މަގުތައް މަތިންވެސް ހުކުރު ދުވަހު މެންދުރާއި ގާތްވަމުން އަންނަ ވަރަކަށް ދުވާ އެންމެ މުހިންމު އެއް 'ހުކުރު ވަހަކީ'' ތަފާތު އަތަރުތަކުގެ ވަހެވެ. އަނެއް ވަހަކީ ކުކުޅު ވަހެވެ. އެއް ދިމާލަކުން ކުކުޅު ތެލުލާ ވަސް ދުވަންޏާ، އަނެއް ދިމާލަކުން ކުކުޅު ރިހަ ކައްކާ ވަސް ދުވާނެއެވެ. ކޮންމެވެސް އެއް ސަރަހައްދަކުން ކުކުޅު ބިރިޔާނީ ކައްކާ ވަހުން ބަނޑުފުރޭ އިރު، އެހެން ހިސާބަކުން އަލުވީގައި ކުކުޅު ހަދާ ވަހުން ރޫހު ތާޒާކޮށްދެއެވެ.
މި ޒަމާންވީ ބަދަލެއް ނާންނަ އާދަ ދިވެހިންގެ ތެރޭގައި އޮންނަނީ ކޮން ޒަމާނަކުން ފެށިގެންނޭ ސީދާ ބުނާކަށް ނޭނގެއެވެ. އެނގޭ ކަމަކީ ހުކުރު ދުވަހުގެ ސުފުރާ މަތިން ކުކުޅުގެ ތަފާތު ކެއުންތައް ނުފެންނަ ހަނދާނެއް ނުވާ ކަމެވެ. ޒަމާން ބަދަލުވެ، މުސްކުޅި އާދަކާދަތައް ބަދަލުވަމުން ގޮސް ތަރައްގީވެ، ތަމައްދުންވެ، ތަހުޒީބުވެއްޖެއެވެ. ކިތަންމެ ބޮޑު ފިކުރަކަށް ވިޔަސް ރަނގަޅު ނޫން އާދަތަކެއް ހަރުލާން ފަށާފައިވިޔަސް ހުކުރު ދުވަހުގެ ކުކުޅާއި ހުކުރު ނަމާދަށް ދިއުމުގެ އާދައަކަށް ބަދަލެއް ނާދެއެވެ.
ފަހަކަށް އައިސް ހަފުތާގެ ބާކީ ދުވަސްތަކުގައި މިސްކިތް ލޮލަށް ނުފެންނަ މީހާވެސް ހުކުރު ދުވަހު ނަމާދަށް ދިއުމަކީ މާބޮޑަށްވެސް މަޖުބޫރު ކަމެކެވެ. ހުކުރު ނަމާދަށް ދިއުމަކީ އިސްލާމްދީނުގެ ރިވެތި އާދައަކަށް ވާޖިބަކަށް ވާތީވެ، ކުރާކަމަކަށްވުރެ ބޮޑަށް މިއީ ސަގާފީ އާދައަކަށް މިހާރު މިވަނީ ބަދަލުވެފައެވެ. ނަމަވެސް މުސްލިމުންނަށްވީތީ ވިސްނަންވީ ހުރިހާ ނަމާދަކަށް ވެސް ފަރުވާތެރިވުމަށެވެ. ބައެއް މީހުންނަށް މިއީ ކެއުމުގެ ހާއްސަ ދުވަހެކެވެ. މި ދުވަހުގެ ރަސްމީ ކެއުމުގެ ބޮޑުބައި އޮތީ ކުކުޅުންނެވެ. ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ކޮންމެހެންވެސް ހާއްސަ ބާވަތެއް ތައްޔާރު ނުކުރެވޭ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ވެއްޓުމަކަށްވެދެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް