އަމިއްލަ ސްކޫލްތަކުގެ 250,000 އަށްވުރެ ގިނަ ދަރިވަރުންނަށް އަމާޒުކޮށްގެން، މަގުމަތީގައި ރައްކާތެރިކަމާއެކު ބައިސިކަލް ދުއްވަން ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ދުބާއީގެ ނޮލެޖް އެންޑް ހިއުމަން ޑިވެލޮޕްމަންޓް އޮތޯރިޓީ (ކޭއެޗްޑީއޭ) އިން އިފްތިތާހުކޮށްފިއެވެ.
"ދުބާއީ ސައިކްލިސްޓް ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ 2033 ވަނަ އަހަރުގެ ނިޔަލަށް ދަރިވަރުންގެ މެދުގައި ދުޅަހެޔޮ އަދި ތިމާވެށްޓާ ރަހުމަތްތެރި ދަތުރުފަތުރުގެ އާދަތައް އަށަގަންނުވައި، ދިރިއުޅުމުގެ މުހިންމު ހުނަރުތައް އުނގަންނައިދިނުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފޭސްގައި އަމިއްލަ ސްކޫލްތަކުގެ 6,400 ދަރިވަރުން ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ ސްކޫލްތަކުގެ ކުޅިވަރު މާއްދާގެ ތެރެއިންނެވެ. ކްލާސްރޫމުގައި ދެވޭ ތިއަރީ މައުލޫމާތުގެ އިތުރުން، ހަގީގީ މަގުތަކުގެ ހާލަތު ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި މާހައުލުތަކުގައި އަމަލީ ތަމްރީނުތައް ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ.
ކޭއެޗްޑީއޭގެ ޑައިރެކްޓަރ ޖެނެރަލް އާއިޝާ މީރާން އާ ހަވާލާދީ ހަބަރުތައް ބުނެފައިވަނީ، މި ޕްރޮގްރާމަކީ ދަރިވަރުންގެ ސިއްހަތާއި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށް، މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި މަޝްރޫއަކީ ދުބާއީގެ "އެޑިއުކޭޝަން 33" ސިޔާސަތާއި "ދުބާއީ 2040 އާބަން މާސްޓަ ޕްލޭން" ގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށް ހިންގާ ގައުމީ ހަރަކާތެކެވެ.
ކޮމެންޓް