ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ގެނައުމަށް ބޭނުންވާ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ކުރިމިނަލް ކޯޓަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެެވެ.
ކުރިމިނަލް ކޯޓުން މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުލުހުން ފޮނުވި ސިޓީ ލިބިފައިވާ ކަމަށެވެ. އަދ އެ ސިޓީގެ ޖަވާބު ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، އަލީ ވަހީދު ހައްޔަރުކުރުމަށް ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާ ކުރިމިނަލް ކޯޓުން ދީފައިވާ ކަމަށެވެ. އަދި އަމުރު ލިބުމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭއާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ. އެކަމަކު ކޯޓު ރިސެސްއަކަށް ދިއުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.
އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާ ހާޒިރު ނުވެ، އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.
އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.