ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުތައް އަންނަ ފެބްރުއަރީ ހަވަނަ ދުވަހު ފެށުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ތާވަލު ކޮށްފިއެވެ.
ފެބްރުއަރީ ހަވަނަ ދުވަހު ލީގު ފަށާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ވާދަކުރާ މެޗުންނެވެ. އެ ދުވަހުގެ ރޭ ކްލަބު ވެލެންސިއާއިން ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނަ އިރު، އަނެއް ދުވަހު ހަވީރު އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ނުކުންނާނީ ސުޕަ ޔުނައިޓެޑް (ސަސް) އާ ދެކޮޅަށެވެ. ފުރަތަމަ ބުރުގައި އެރޭ އޮންނަ މެޗުގައި އީގަލްސްއިން ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ރާއްޖޭގެ ސީޒަން ޗެރިޓީ ޝީލްޑާއެކު ފަށައި، މިފަހަރު ފުރަތަމަ ކުރިއަށް ގެންދިޔަ މުބާރާތަކީ ޕްރެސިޑެންޓްސް ކަޕެވެ. ފުރަތަމަ ޑިވިޝަންގެ އަށް ޓީމު ޕްރެސިޑެންޓްސް ކަޕްގައި ވާދަކޮށްފައިވާ އިރު، އެ މުބާރާތުގައި ފުރަތަމަ ކުޅުނީ ލީގު ބުރެކެވެ. ލީގު ބުރު ނިންމާލި އިރު އެއްވަނަ، އަދި ދެވަނައިގައި އޮތް ޓީމު ފައިނަލަށް ދާ ގޮތަށް މުބާރާތް ކުޅުނު އިރު، ފައިނަލް މިދިޔަ އާދީއްތަ ދުވަހު އޮތީ ރ. އަލިފުށީގައެވެ.
އަލިފުށީގައި އޮތް ފައިނަލުގައި އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދި އިރު، ވެލެންސިއާއަކީ މިދިޔަ އަހަރު ލީގުގެ ދެވަނަ މަގާމު ހޯދި ޓީމެވެ. މިދިޔަ އަހަރު ލީގު ފިޔަވައި އިތުރު މުބާރާތެއް ކުރިއަށް ގެންގޮސްފައިނުވާ އިރު، ލީގުގެ ދެވަނަ މަގާމާއެކު ވެލެންސިއާއަށް ވަނީ އޭއެފްސީ ކަޕް ކޮލިފިކޭޝަނުން ފުރުސަތު ލިބިފައެވެ. ލީގު ޗެމްޕިއަން މާޒިޔާއިން ނުކުންނާނީ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށެވެ.
ޕްރެސިޑެންޓްސް ކަޕާއެކު ޓީމުތަކަށް ލީގަށް ތައްޔާރުވުމަށް ގިނަ ދުވަސްތަކެއް މިފަހަރު ލިބިފައިވުމާއެކު ލީގު މެޗުތައް ކުރިއަށްވުރެ ވާދަވެރިވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ޓީމުތަކަށް އަންނަ ބުންވަރުގެ މައްސަލަ މިފަހަރު ލީގުގެ ކުރީކޮޅުގައި ދިމާނުވާނެ ކަމަށް ބެލެވެއެވެ.
މިއީ ދިވެހި ޕްރިމިއާ ލީގު މިހާރު އޮތް ފޯމެޓަށް ކުޅޭނެ ފަހު އަހަރެވެ. އަންނަ ސީޒަނުން ފެށިގެން ލީގު ސްޓްރަކްޗާ އެއްކޮށް ބަދަލުކޮށް، ޑިވިޝަންތަކަށް މިހާރުވެސް ވަނީ ކްލަބުތަކަށް ފުރުސަތު ހުޅުވާލައިފައެވެ. 2023-24 ވަނަ އަހަރުގެ ސީޒަންގައި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދަން އެފްއޭއެމްއިން ނިންމާފައިވާ އިރު، ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އަތޮޅެވެ. ޒޯން ދޭއްގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. ޒޯން ތިނެއްގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ، ސ އަތޮޅެވެ. ޒޯން ހަތަރެއްގައި ހިމެނެނީ މާލެ، ހުޅުމާލެ، ވިލިމާލެއެވެ.
ފޯމެޓަށް އަންނަ އެންމެ ބޮޑު ބަދަލަކީ މީގެން ކޮންމެ ޒޯނެއްގައި (އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން) ތިން ޑިވިޝަނެއް ކުރިއަށް ގެންދިއުމެވެ. ތިން ޑިވިޝަނަށް ޓީމުތައް ހޮވުމުގައި އެންމެ ފުރަތަމަ ބޭއްވިގެންދާނީ ރަށު ފެންވަރުގައި ބޭއްވޭ "އޯޕަން ޑިވިޝަން" އެކެވެ. އޯޕަން ޑިވިޝަނުގެ ބޭނުމަކީ ކޮންމެ ރަށެއްގައި ވެސް އޮންނަ ކޮންމެ ޓީމަކަށް (ކޮންމެ ޖަމިއްޔާ އަކަށް) ބައިވެރިވުމުގެ ފުރުސަތު ދިނުމެވެ. އެފްއޭއެމްއިން މިހާރު ވަނީ އޯޕަން ޑިވިޝަނަށް ފުރުސަތު ހުޅުވާލައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު