ތަހުގީގީ މަރުހަލާ އާއި، ކޯޓުތަކުގެ މަރުހަލާގައި، ޖިނާއީ މައްސަލަތައް ކުރިއަށްދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތްތަކަށްތޯ، ބެލުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.
ދައުރުން ބޭރުން ބޭއްވި އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އެ ފަރާތްތަކުގެ އިތުރުން ޕޮލިސް ބޯޑާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކޮމިޓީއަށް ހާޒިރު ކުރަންވެސް ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ޖިނާއީ މައްސަލަ ތައް ކޯޓު ތަކުގައި ތާވަލް ކުރުމުގައި ގެންގުޅޭ އުސޫލާއި، ތާވަލް ތަކާ އެއްގޮތަށް މައްސަލަތައް ކުރިއަށް ނުދާކަމުގެ ޝަކުވާ ގިނަ ފަރާތްތަަކަކުން އުފުލަމުންދާ ކަމަށެވެ. އަދި މިފަހަރު ކޯޓުތަކުގެ ރިސެސްގެ ތެރޭގައި، ވަކީލުންގެ ކިބައިންވެސް އެ ޝަކުވާތައް ލިބިފައިވާ ކަމަށާއި، ކޮމިޓީގެ މެންބަރުންވެސް އެ މައްސަލައިގައި ޝަކުވާ އުފުލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަކީ، ކޮމިޓީ މެންބަރުންގެ އެދިވަޑައިގަތުމާ ގުޅިގެން، އެކަމުގައި ކޮމިޓީއަށް އެރެވެންހުރި މަސައްކަތްތަކެއްކޮށް، އެޅެން ފުރި ފިޔަވަޅެއް ދެނެގަތުމަށް ބާއްވާ ބައްދަލުވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު އަހުމަދު ސިރާޖު ވިދާޅުވީ، ކޯޓުަކުގައި މައްސަލަތައް ލަސްވުމާއި، ތާވަލާ އެއްގޮތައް މައްސަލަތައް ކުރިއަށްނުދިއުމަކީ ރައްޔިތުންގެ އޮތް ބޮޑޫ ކަންބޮޑުވުމެއް ކަމަށެވެ.
މައްސަލަތައް ކުރިއަށް ގެންދިއުމާބެހޭ ބައެއް މުއްދަތުތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލިޔެފައިވާއިރުވެސް، ހަމައެކަނި ދަށު ކޯޓުތަކުން މައްސަލައެއް ނިންމަން އަހަރުދުވަސް ނަގާ ކަމަށާއި، ބައެއް ފަހަރުތަކުގައި އެ މުއްދަތު ތިން އަހަރާއި އަހަރު އަހަރަަށް ދެމިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް މައްސަލަތައް ލަސްވަނީ، ކޯޓުތަކުގައި މައްސަލައެއް ހުރެގެންތޯ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަން ޖެހޭ ކަމަށާއި، އެކަމުގައި އިދާރީ މައްސަލައެއް ދިމާވެގެންތޯ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ގިނަ އަހަރުތަކެއް ވާތީ، ޝަރީއަޔް ނިމިގެންދާގޮތާމެދިވެސް ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޖިނާއީ ބޮޑެތި މައްސަލަ ތަކުގެ ތެރެއިން، ބްލޮގަރ ޔާމީން ރަޝީދުގެ މަރަކީ ރާވައިގެން ހިންގި ޖަރީމާއަކަށްވާއިރު، އެ މައްސަލަ ނިންމަން ފަސް އަހަރު ދުވަހުުގެ މުއްދަތެއް ނެގުމަކީ އެ މައްސަލަ ނިމުމުގައި ރައްޔިތުންގެ ބއިވަރު ކަންބިޑުވުންތަކެއް ހުކުމުން ފާހަގަވެގެންދިޔަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި ދައުވާކުރި ބައެއް މީހުން ސަލާމަތް ވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގައި ދައުލަތުގެ ފަރާތުން ހަދާފައިވާ ބޮޑެތި ގޯސްތަކަކީ ގަބޫލު ކުރެވޭ ކަންތައްތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލައިގައި މެންބަރުން ފާހަގަ ކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން، ފުލުހުންނާއި، ޕޮލިސް ބޯޑާއި ޕްރޮސެކިއުޓާ ޖެނަރަލާއި ޖުޑީޝަލް ސާވިސް ކޮމިޝަން އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހެޅުއްވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފެވެ.
ބައްދަލުވުން ނިންމަވާ ލައްވަމުން ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރާނެ ދުވަހެއް ފަހުން ކަނޑައަޅުއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ