ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު

ސިޓީކައުންސިލާއި އެމްޕީއެލަށް އާމްދަނީ ލިބޭގޮތަށް ނޯތުހާބަރާއި ޓީޖެޓީ ހިންގަން ރައީސް އަންގަވައިފި: މުއިއްޒު

އިބްރާހިމް ޒަކީ

ރެވެނިއު ޝެއާރިން (ފައިދާ ދެފަރާތުން ހިއްސާކުރާ ގޮތަށް) މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ އޮޕަރޭޓް ކުރުމުގެ މަސައްކަތް ސިޓީކައުންސިލާއެކު ކުރިއަށް ގެންދިއުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އަންގަވާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީކައުންސިލުން މިއަދު ބޭއްވި ރަސްމީ އާއްމު ޖަލްސާގައި، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް އެމްޕީއެލްއަށް އަންގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެކުންފުންޏަށް އެކަން އެންގީ 17 ޖެނުއަރީ 2022 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީއަކުން ކަމަށްވެސް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި، މާލޭ ނޯތު ހާބަރާއި ޓީޖެޓީ އޮޕަރޭޓް ކުރުމުގައި ސިޓީކައުންސިލާއެކު ރެވެނިއު ޝެއާރިން މޮޑެލެއްގެ ދަށުން އޮޕަރޭޝަންތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ބައްލަވައި އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއަށް ހުށަހެޅުމަށް ދަންނަވާފައިވާ ކަމަށެވެ.

އެ މޮޑެލްގެ ދަށުން މާލޭ ނޯތު ހާބަރާއި ޓީޖެޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު މާލޭ ސިޓީކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު އެއްބަސް ވެވޭ ގޮތްތަކެއް އެ ކައުންސިލަށް ހުށަހެޅުމަށް އެ ސިޓީގައި ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރެވެނިއު ޝެއާރިން މޮޑެލެއްގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް އެމްޕީއެލްއާއެކު މަޝްވަރާ ކުރުމަށް މާލޭ ސިޓީކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް އެކަމާބެހޭގޮތުން އެމްޕީއެލް އިން އަދި އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޓީޖެޓީއަކީ މާލޭސިޓީގެ ރަޖިސްޓްރީގައި އޮތް، މާލޭސިޓީގެ ތަނެއްކަމުން އެތަނުގެ އޯނަރުގެ ހައިސިއްޔަތުން އެކަމުގައި މާލޭ ސިޓީން މަޝްވަރާ ކުރާނީ، މާލޭ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއެއް ހޯދުމަށް ކަމަށެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެކަމާބެހޭ ކަރުދާސް އެމްޕީއެލްއިން އެކުލަވާލައި އެކުންފުނީގެ ބޯޑަށް މިހާރު ހުށަހަޅާފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަމާބެހޭގޮތުން ބޯޑުން ގޮތެއް ނިންމިހާ އަވަހަކަށް މާލޭ ސިޓީކައުންސިލާއެކު މަޝްވަރާ ކުރަން ނިމްމާފައިވާ ކަމަށް މައުލުމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޓީޖެޓީ އާއި ނޯތު ހާބަރަކީ މާލޭ ސީޓީކައުންސިލްގެ މިލްކެއް ކަމަށްބުނެ އެތަންތަން މާލޭ ސިޓީކައުންސިލާ ހަވާލު ކުރުމަށް ސިޓީކައުންސިލުން ވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ. އަދި އެތަންތަން އަތުލުމަށްވެސް ކައުންސިލުން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ.

އެ މައްސަލައިގައި މާލޭ ސިޓީކައުންސިލާއި އެމްޕީއެލްއާ ދެމެދު ހިޔާލުތަފާތުން ބޮޑުވެ އެންމެ ފަހުން އެ މައްސަލައިގައި ކޯޓަށް ދިއުމަށް މާލޭސިޓީކައުންސިލުން ވަނީ ނިންމައިފައެވެ.