ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޮރިޝަސްއަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ނިންމުމެއް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނެ ކަމަށެވެ.

ނަމަވެސް ކުރީ ސަރުކާރުގެ ދުވަސްވަރު، ރާއްޖޭގެ ދެކުނުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހި ރާއްޖޭގެ އީއީޒެޑް ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ ނިންމުން ދިރާސާކޮށް، ރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަނައިބަށް އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލައްވައި، މި މައްސަލައިގައި އައްޔަނުކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓްތައް ބަންޑާރަނައިބު ވަނީ މިދިޔަ ޖެނުއަރީ މަހު ރައީސް އޮފީހަށް ފޮނުވާފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާާ ކަންކަން ދިރާސާ ކުރެއްވުމަށް ފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ ގޮތުން މި މައްސަލާގައި އައްޔަކުރައްވާފައިވާ ގާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ގާނޫނީގޮތުން ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަހްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ހައްގުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިއުލާނުކުރަން" ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް، ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް ގެނެވުނު ހަވަނަ އިސްލާހަށް ރިއާޔަތްކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު އިސްލާހުކުރުމަށް މަޖިލީހަށް ފޮނުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ރާއްޖޭގެ ސަރަހައްދުތަކާބެހޭ ހުރިހާ ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ އޮފީހަށް ކިޔާނެ ނަމަކީ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" ކަމަށް ރައީސް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި އައްޔަނުކުރެވުނު ބައިނަލްއަގުވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށްވެސް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.