ދައުލަތުގެ ޕްރޮކިއުމަންޓްގައި ވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމާ ބެހޭ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި އިސްލާހުތަކުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ޕްރޮކިއުމަންޓްގެ މުއާމަލާތްތަކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ (އެމްއެސްއެމްއީ) ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކޮށް، އެ ފަރާތްތަކަށް ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދީ، އެ ފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމެވެ،.

މިނިސްޓްރީން ބުނި ގޮތުގައި އިސްލާހުކުރެވުނު އުސޫލުގެ ދަށުން، ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގުގެ ޕްރޮކިއުމަންޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭނަމަ، އެ ކެޓަގަރީގެ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކަށް އެ މަސައްކަތެއް ހަވާލުކުރަން ޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓްތަކުގެ އެމްއެސްއެމްއީގެ ދައުރު ފުޅާވެ އެފަދަ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތަކަށް ވެސް މި އުސޫލުގެ ދަށުން ވަނީ އާ އުސޫލުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން 500,000 ރުފިޔާއަށް ވުރެ ކުޑަ އަގުގެ އިމާރާތްކުރުމުގެ މަޝްރޫއުތައް މިހާރު ހާއްސަކުރެވިފައި ވަނީ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓްރީގެ ގްރޭޑް 7 ގައި ހިމެނޭ ކޮންޓްރެކްޓަރުންނަށެވެ. އަދި 500,000 ރުފިޔާ އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މަޝްރޫއުތައް ހާއްސަކުރެވިފައިވަނީ އެ ރަޖިސްޓްރީގެ ގްރޭޑް 4، 5، 6 އަދި 7 ގެ ކޮންޓްރެކްޓަރުންނަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންނަށް ލިބޭ ފުރުސަތުތައް އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ. އަދި އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާގެ އަލީގައި ޕްރޮކިއުމެންޓް ނިޒާމަށް އިސްލާހެއް ގެންނަވާނެކަމުގެ ފެހި ސިގްނަލް ރައީސް ވަނީ ދެއްވައިފައެވެ.

އެގޮތުން، މިއަދު ގެޒެޓްކުރެވުނު މި އިސްލާހުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިއްސާ ބޮޑުވެ، ރާއްޖޭގެ އިގުތިސޯދީ ދާއިރާގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ސިނާއަތްތަކުގެ ގާބިލުކަން އިތުރުވެ، މުޅި ރާއްޖޭގައި ހުރި ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ބުންޏެވެ.