ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހިޖުރީ ސަނަތުން 1448 ވަނަ އަހަރު ފެށުމާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގުވާމީ އިސްލާމީ ޖަމާއަތްތަކުގެ އިސްވެރިންނަށް ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ރައީސް ފޮނުއްވި މެސެޖުގައި، މި ފެށުނު އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސާއި މުޖުތަމައުގެ ހާލަތާމެދު ފުންކޮށް ވިސްނައި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް ލިބޭ ފުރުސަތެއްކަމުގައި ފާހަގަކުރައްވާފައިވާ ކަމަށެވެ. ހާއްސަކޮށް، މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށްޓަކައި އެއްބައިވަންތަކަން އާލާކޮށް، އޯގާތެރިކަން އިސްކުރުމަށް އެ މަނިކުފާނު ގޮވާލެއްވި ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އެ މަނިކުފާނުގެ މެސެޖުގައި، އަމިއްލަ އެދުމެއްނެތި، އިހްލާސްތެރިކަމާއެކު އެކަކު އަނެކަކަށް އެހީތެރިވެ އުޅުމުގެ ރޫހު އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކޮށް، މުޖުތަމައުގެ ހަމަޖެހުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ އިސްލާމީ މުޖުތަމައެއްގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ ހިޖުރީ އާ އަހަރުގެ މެސެޖު ނިންމަވައިލައްވަމުން، ކުރިއަށް އޮތް އަހަރަކީ އިސްލާމީ އުންމަތުގެ އީމާންތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ އަހަރަކަށް ވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށެވެ.
މީގެ އިތުރުން މުޅި އިސްލާމީ އުންމަތަށް ސުލްހަވެރިކަމާއި ފާގަތިކަމާއި އެއްބައިވަންތަކަން މިންވަރުކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް