އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓައިލައިފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި، އޭނާ މަރާލިކަން ސާލިމްގެ މައްޗަށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ދެންމެ ކަނޑައަޅައިފި އެވެ.
މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.
މަހުމޫދު ގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައި ވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.
މީގެ ކުރީން ބޭއްވި މި މައްސަލައިގެ އިބުތިދާއީ އަޑު އެހުމުގައި ވެސް ކޯޓުގައި ސާލިމް ވަނީ ކުށަށް އިއުތިރާފު ވެފައެވެ. އަދި އެ މައްސަލައިގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށާއި، އިއުތިރާފު ވެފައި ވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށްވެސް ބުންޏެވެ.
ނަމަވެސް އޭނާ ބުނެފައި ވަނީ މަހުމޫދު މަރައިލީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށެވެ.
މި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑު އެހުމުގައި، ދައުލަތުގެ ވަކީލާ އައިޝަތު މުނާ ވިދާޅުވީ، ހެކި ހުށަހަޅައިގެން ޝަރީއަތް ކުރިއަށްގެންދަން ދައުލަތުން ބޭނުންވާ ކަމަށެވެ. އެއީ އެ މައްސަލަ މަތީ ކޯޓުތަކަށް އިސްތިއުނާފަށް ހުށަހަޅާ ހާލަތުގައި، ދައުވާ ލިބޭ މީހާ (ސާލިމް) އިއުތިފާރުން ރުޖޫއަ ވެއްޖެނަމަ ސާބިތު ކުރަން އޮންނާނެ ހަމަ އެކަނި ގޮތަކީ ޝަރީއަތަށް ހުށަހެޅި ހެކި ކަމަށްވާތީ ކަމަށްވެސް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި އިއުތިރާފީ މައްސަލަތައް ކުރިއަށް ގެންދަނީ އަވަސްނިޔާގެ މައްސަލަ ތަކުގެ ގޮތުގައެވެ.
އެހެންކަމުން ދައުލަތުގެ ވަކީލާގެ ވާހަކައާ ގުޅިގެން، މި މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުވާ ލިބޭ މީހާ އިއުތިރާފުވެފައިވާއިރު އަވަސް ނިޔާގެ ބަދަލުގައި އެ މައްސަލަ ހެކި ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި މަޖުބޫރުކަމެއްނެތި، މީހަކު ޝަރީއަތުގެ މަޖިލީހުގައި އަމިއްލަ އިހުތިޔާރުން ވާ އިއުތިރާފަށްވުރެ ވަކިން ބޮޑު ހެއްކެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުމުގައިވެސް ކުރީ ފަހަރުތަކާ އެއްގޮތަށް ސާލިމް ވަނީ އޭނާގެ މައްޗަށް ކުރި ދެ ދައުވާއަށްވެސް އިއުތިރާފު ވެފައެވެ. އެއީ މަޖުބޫކަމެއްނެތި ވާ އިއުތިރާފެއްތޯ ޔަގީން ކުރުމަށް، މިއަދު އޭނާއާ ގާޒީ ސުވާލު ކުރެއްވީ، މަހުމޫދުގެ ފޮޓޯއާއި އެ މައްސަލައިގެ ތަހުގީގައި، ފުލުހުން ހޯދި ތަކެތީގެ ފޮޓޯތައް ވެސް ސާލިމަށް ދައްކައިގެންނެވެ.
އެހެން އަޑުއެހުންތަކެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައިވެސް ކުށަށް އިއުތިރާފު ވުމަށްފަހު ސާލިމް ބުނީ އެކަން ކުރީ ޝައިތާނާ ބޮލަށް އެރިގެން ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވާކަމަށް ގާޒީ ނިންމެވިއެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މަހުމޫދުގެ ބައެއް ވާރިސުން މިވަގުތު ބަލިކޮށް އުޅުމާއި، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމާއެކު، އެބައި މިއަދު ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
ނަމަވެސް ވާރިސުން ޔަގީން ކުރުމަށްޓަކައި، ދަނގެތީ ކޯޓަށް ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ ކަންތައް ކުރިއަށްގެންދަވާނެ ކަމަށްވެސް ވިދާޅވިއެވެ. މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، ވާރިސުންގެ ބަސް ނަގައި ނިމުމުން މި މައްސަލައިގައި ހުކުމް އިއްވަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު