ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެވިއްޖެ ނަމަ، މަސައްކަތް ކުރާނީ ނަޒާހާތްތެރިކަމާއެކު ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދާއިރާއަށް ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން "މަޖިލިސް ބަހުސް"ގައި ހަންނާނު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް އޭނާ ކުރިމަތިލެއްވީ ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށާއި ކޮމަންޑޫ ދާއިރާއަކީ ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ދާއިރާއަކަށް ހެދުމަށް ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ކޮންމެ ގެއަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވާފައިވާކަން ފާހަގަކުރައްވައި ހަންނާނު ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދެއްވައިފިނަމަ އިހުލާސްތެރިކަމާއި ނަޒާހާތްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށްގޮސް މި ދައްކާ ވާހަކަ އާއި އަމަލާ އަޅުގަނޑުމެން ސީދާ ކުރާނަމޭ. ނަޒާހާތްތެރިކަން ބާއްވާނަމޭ. އަޅުގަނޑުމެން ރައްޔިތުންގެ ކައިރިއަށް ގޮސް ދައްކާ ވާހަކަތަކަކީ އޭގެ އަސްލާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ ވާހަކަތަކަށް ހަދާނަމޭ،" ހަންނާނު ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވައިދެއްވައިފިނަމަ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
ތައުލީމީ ދާއިރާގައި 32 އަހަރު ހިދުމަތްކުރެއްވިއިރު، އެތައް ރައްޔިތުންނަކާއެކު މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވައި ހަންނާނު ވިދާޅުވީ އޭނާއަކީ ކޮމަންޑޫ ދާއިރާއަށް އެންމެ ގާބިލު ކެންޑިޑޭޓް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު