ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތައް ބެލޭނެ ގޮތެއް ނެތްކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމް އެގޮތަށް ވިދާޅުވީ ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރައްވާނަމަ އެކަމެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެދިވަޑައިގަތުމުން އެކަމަށް ރައްދު ދެއްވައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
އުޝާމް ވިދާޅުވީ އެމްޑީޕީން ވަރަށް ރޭވުންތެރިކަމާއެކު ރައްޔިތުން މަޖިލިސް ރިސެސްގައި ވަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އޭސީސީ، ގާނޫނީ ހުސްކަމަކަށް ދުއްވާލާފައިވާ ކަމަށެވެ. އަދި އޭސީސީއަށް އަވަހަށް މެމްބަރުން އައްޔަންކުރަން ސަރުކާރުން ބޭނުންނުވާ ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.
" އޭސީސީއަށް މެންބަރުން އައްޔަންކުރުން އަވަސްކުރަން ސަރުކާރުން ބޭނުމެއްނުވޭ. މިސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެގޮތެއްނެތް،" އުޝާމް ވިދާޅުވިއެވެ.
ކޮރަޕްޝަނުގެ ތުހުމަތެއް ކުރައްވާނަމަ މައްސަލަ އެސީސީއަށް ހުށަހަޅައިގެން ތަހުގީގު ކުރުމަށް މާރިޔާ އެދިވަޑައިގެންނެވީ އޭނާގެ ދޮށީ ދަރިކަލުން އިނގިރޭސިވިލާތުން ގެއެއް ބައްލަވައިގަތީ ގާނޫނާ ހިލާފަށް ހޯދި ފައިސާއިން ކަމަށް ތުހުމަތުކޮށް ނޫސްވެރިޔަކު ސުވާލުކުރުމުންނެވެ.
މާރިޔާ ވަނީ ނޫސްވެރިޔާއަށް މެސެޖުން ދެއްވި ޖަވާބުގެ ސްކްރީންޝޮޓު ޓުވިޓާގައި އާންމުކުރައްވައިފައެވެ. މާރިޔާގެ ޖަވާބުގައި ވިދާޅުވީ ދޮށީ ފިރިހެން ދަރިކަލުންނަށް މިހާރު 40 އަހަރުވެފައިވާ ކަމަށާއި ދަރިކަލުންނަކީ އިނގިރޭސިވިލާތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ލައިސަންސް ލިބިފައިވާ ވަކީލެއް ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު މަޖިލިސް ވަނީ ރިސެސްގައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެގޮތަށް ފާސްކުރުމުން އޭސީސީގައި އެ ވަގުތު ތިބި ތިން މެމްބަރުން އެ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަސް އިސްތއުފާދެއްވައިފައެވެ. އޭގެ ކުރިން ދެ މެމްބަރަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެހެންކަމުން މިއަދާ ހަމައަށް އޭސީސީއަށް މެމްބަރުން އައްޔަން ނުކުރެވި އެ މުއައްސަސާއޮތީ ގާނޫނީ ހުސްކަމެއްގައެވެ. ގާނޫނުގައިވާ ގޮތުން އޭސީސީއަށް ހުށަހަޅާ މައްސަލަތައް މެމްބަރުން ނެތިއްޔާ ތަހުގީގު ނުކުރެވޭނެއެވެ.
ރައީސް އޮފީހުން ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް މި މަހުގެ ފަސް ވަނަ ދުވަހު ހުޅުވާލައިފައެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ވަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު