ކޮވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން މިދިޔަ އަހަރު 27 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމަށް ބުނެފިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ކުއާޓާތަކުގެ މާލީ ރިޕޯޓުތަކަށް ބަލާއިރު އެކުންފުނިން ފާއިތުވި އަހަރު ޖުމުލަ 27 މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު އެ އަހަރުގެ ފަހު ކުއާޓަރު ތެރޭގައި އެކަނިވެސް 103 މަޝްރޫއެއްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި 103 މަޝްރޫއުގެ ތެރޭގައި ބަނދަރު ހެދުމުގެ 43 މަޝްރޫއަކާއި، ބިން ހިއްކުމުގެ 3 މަޝްރޫއަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 11 މަޝްރޫއަކާއި، މަގު ހެދުމުގެ 9 މަޝްރޫއަކާއި އެއާޕޯޓް ތަރައްގީކުރުމުގެ 3 މަޝްރޫއެއް ހިމެނެއެވެ.

2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ނިންމާފައިވާ މަޝްރޫއުތައް:

- ހދ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑްކުރުން

- ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިންހިއްކުން

- މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުން

- ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުން

- ލ. ފޮނަދޫ މަގު ހެދުން

- ސެންޓާރާގެ އާ ރިސޯޓުގެ ބިން ހިއްކުން

- ބ. ފެހެންދޫ ބަނދަރު ހެދުން

- ރ. މުރަވަންދޫ ގޮނޑުދޮށަށް ވެލި އެޅުން

- ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

- ސ. މީދޫ ބަހާއުއްދީން މަގު ހެދުން

އަދި ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް 10 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާފައިވާއިރު އެ މަޝްރޫއު ތަކަކީ:

- ސ. މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

- ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުން

- ބ. އޭދަފުށީ މަގުހެދުން

- ލ. އިސްދޫ ބަނދަރު އަޕްގްރޭޑް ކުރުން

- މ. ވޭވަށް ބަނދަރު އަޕްގްރޭޑް ކުރުން

- ކ. މާފުށިން ބިން ހިއްކުން

- ކ. ގުރައިދޫ ބިން ހިއްކުން

- ގުރައިދޫގެ ޕިކްނިކް އައިލެންޑް ބިން ހިއްކުން

- ގުޅީފަޅުން ހިއްކާފައިވާ ބިމުގެ އިތުރުވާ މަސައްކަތް

- ތ. ހިރިލަންދޫ އަދި ލ. މާވަށުގެ ބިންހިއްކުމަށް ބޭނުންވާ ޑިޒައިންއާއި ކޮންސަލްޓެންސީ އަދި އީއައިއޭ ހެދުން

2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީން ނިންމީ ގދ. ތިނަދޫ ރީޖަނަލް ޕޯޓް ހެދުމުގެ މަޝްރޫއާއި ސ. މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެވެ. އަދި ފުރަތަމަ ކުއާޓާގައި ވ. ރަކީދޫ ބަނދަރު ހެދުމާއި، ލ. މުކުރިގަން ބަނދަރު ފުން ކުރުމާއި، ވ. ކެޔޮދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ އެޅުމާއި، ރ. ދުވާފަރު މަގު ހެދުމާއި އއ. އުކުޅަހާއި ބޮޑުފުޅަދޫ ގެ ބިންހިއްކުމަށް ބޭނުންވާ ޑިޒައިން އާއި ކޮންސަލްޓެންސީ އަދި އީއައިއޭ ހެދުން ހިމެނޭ ހެން ފަސް މަޝްރޫއެއް ނިންމާފައިވެއެވެ.

ފާއިތުވި އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ހިދުމަތުގައި މާލީގޮތުން އެހެން ހުރިހާ އަހަރެއްގެ ރެކޯޑް މުގުރާލި އަހަރުވެސްމެއެވެ. ފާއިތުވި އަހަރު 1.96 ބިިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 264.45 މިލިއަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ.