"އަޅުގަނޑުމެން މަސައްކަތް މިކުރަނީ އާންމު ދިރިއުޅުމަށް ބުރޫ ނާރާ ގޮތަށް ބަލި ފެތުރުން ކޮންޓްރޯލް ކުރަން. ފިޔަވަޅުތައް ހަރުކަށި ކޮށްގެން ލޮކްޑައުން ކޮށްގެން ވެސް ދިރި އުޅެފި. އޭގެ ތަޖުރިބާވެސް ކޮށްފި. އޭރު އަޅުގަނޑުމެންނަކަށް ބައްޔާ ބެހޭ މާގިނަ މައުލޫމާތެއް ނޭނގެ. އެއަށް ދޭނެ މާ ބޮޑު ފަރުވާއެއް ވެކްސިނެއްވެސް އޭރަކު ނެތް. އެކަމަކު މިހާރު އެ ހުރިހާ ކަމަކަށް ހައްލު ހޯދައިފި. ވެކްސިން އުފައްދައި އެ ޖަހަން ފަށައިފި. ފަރުދީ ޒިންމާއަކީ މުހިންމު އެއްޗެއްކަން މިހާރު ހަގީގަތުގަ ގަބޫލު ކުރަންޖެހޭނެ."
މިއީ ކޮވިޑުގެ ހާލަތާގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑުގެ ހާލަތު މިހާރު ބޮޑުތަނުން ގޯސްވެފައިވާއިރު ފިޔަވަޅުތައް ހަރުކަށިކޮށް ލޮކްޑައުންއަކަށް ނުދަނީ ކީއްވެތޯ ސުވާލު ކުރުމުން އެ އެޖެންސީގެ އެޕިޑިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ދެއްވި ޖަވާބެވެ.
މި ޖަވާބާ މެދު އެއްބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. އަނެއް ބަޔަކު މިކަމަށް ތާއީދު ކުރި އެވެ. ހަގީގަތުގައިވެސް މުހިންމީ ޑރ. އަފްޒަލް ވިދާޅުވި ގޮތަށް ފަރުދީ ޒިންމާ އަދާކުރުމެވެ. ފިޔަވަޅުތައް ހަރުކަށި ކޮށްފި ނަމަ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ހިދުމަތެއް ލިބުން ދަތިވެ އެވެ. ސްކޫލްތައް ބަންދުކޮށް ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރަ އެވެ. ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ބަންދުކޮށްފިނަމަ ވިޔަފާރިވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބެ އެވެ. ކިތަންމެ އިމަޖެންސީ ހާލަތެއްގައި ފުރަން ބޭނުންވާ މީހަކަށްވެސް އެތައް ދަތިތަކެއް ދިމާވެ އެވެ. މިހެންގޮސް ލައްކަ ބައިވަރު ކަންކަމެވެ.
"ކޮންމެގޮތެއް ވިޔަސް ކޮވިޑު ބަލި ތިނެއް ނުވަތަ ހަތަރު އަހަރަށް ދެމިގެން ދިޔަސް އެ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައެއް ނުތިބެވޭނެތާ. ކޮންމެ ގޮތެއް ވިޔަސް ގައުމީ އިގްތިސޯދު އަނބުރާ ގެންނަންޖެހޭ. އާމްދަނީ ވެސް ހޯދަން ޖެހޭ. މަސައްކަތަށް ވެސް ނުކުންނަން ޖެހޭ. ކިޔަވާ ކުދިން ކިޔަވަންވެސް ޖެހޭ، އެހެން ކަމަށްވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދަން،" މިވެސް ޑރ. އަފްޒަލް ދެއްކެވި ވާހަކަ އެވެ.
މީގެ ކުރިން ކޮވިޑާ ގުޅޭ މާގިނަ މައުލޫމާތަކާއި މާގިނަ ފަރުވާއެއް ނެތް ނަމަވެސް މިއާއެކު ދިރިއުޅޭތާ ދެ އަހަރު ވީ އިރު ލައްކަ ބައިވަރު މައުލޫމާތު މިހާރު އެންމެނަށްވެސް އެނގެ އެވެ. ބަލިން ރައްކާތެރިކަން ލިބެން އޮތީ ވެކްސިން ޖެހުމުންކަން އެނގެ އެވެ. ބަލިން ރައްކާތެރިވުމަށް ތިން ލައްކައަށްވުރެ ގިނަ މީހުން ވެކްސިން ޖެހީވެސް މިސަބަބާ ހުރެ އެވެ. އެހެން ކަމަށްވާނަމަ ފަރުދީ ޒިންމާ އަދާ ނުކުރެވެންވީ ސަބަބެއް ނެތެވެ.
ލޮކްޑައުނެއް ނުވަތަ ކާފިއުއެއް ނުހިންގިޔަސް ތިމާއަކީ ހައި ރިސްކު މީހެއްކަން ނުވަތަ ތިމާއަށް ބަލި ޖެހިއްޖެނަމަ އެކުގައި އުޅޭ ހައި ރިސްކު މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަމުގައި ވާނަމަ އަމިއްލަ އަށް އެކަމަށް ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ ގޭގައި އޮތް ބަލި މާމައަށް ކާފައަށް ނުވަތަ އެނޫންވެސް މީހުންނާ މެދު ނުވިސްނަނީ ކީއްވެއްޔެވެ؟
ޑރ. އަފްޒަލް ވިދާޅުވިހެން ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހަކު ހުންނަން ޖެހޭ ހެއްޔެވެ؟ މިއީ ފުލުހުން ނުވަތަ ތަންފީޒީ އިދާރާއަކުން ފާރަލައި ބޭރަށް ނިކުމެ އުޅޭތޯ ބަލަންޖެހޭނެ ހާލަތެއް ހެއްޔެވެ؟ ފަރުދީ ޒިންމާ އަދާކުރަން ބުނަމުން އެޗްޕީއޭގެ މީހުންނާއި ޑިރެކްޓާ ޖެނެރަލް މައިމޫނާ އިސްތިއުފާ ދޭން ޖެހޭ ހެއްޔެވެ؟ ބަލި ޖެހުމުން ގެއްލުން ވަނީ މައިމޫނާއަށް ހެއްޔެވެ؟ މައިމޫނާ ފިޔަވަޅު އަޅުވައްނީ ރައްޔިތުންގެ ސަލާމަތަށްޓަކަ އެވެ. ފަރުދީ ޒިންމާ އަދާ ކުރަން ވިދާޅުވަނީވެސް ރައްޔިތުންގެ ހައްގުގަ އެވެ. ރައްކާތެރިކަމަށްޓަކަ އެވެ.
"ތިން ޕީކަކާ އަޅުގަނޑުމެން ކުރިމަތިލައިފި. މިހާރު ހަތަރު ވަނަ ވޭވެއް މި އައީ. ކުރިއަށް ލަފާކުރާގޮތުން ދައްކަނީ މިއީ ކުރީ ފަހަރުތަކަށްވުރެ މާބޮޑަށް ނުރައްކާ ވޭވަކަށް ވާނެކަމަށް. އެންމެ ފަހުގެ ޕީކްގައި އެއްމަހަށް ދެމިގެންދިޔަ. ނަމަވެސް މިފަހަރު ކުރިއަށްވުރެ ބަލި ޖެހޭ މީހުން އިތުރުވާނެކަމަށް ލަފާކުރެވޭތީ މި ވޭވް މަހަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ލަފާކުރެވެނީ،" ކޮވިޑުގެ ހާލަތު ނުރައްކާވެފައިވާ މިންވަރު ސިފަ ކުރަމުން މީގެ ކުރިން ޑރ. އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑްގެ އާ ވޭރިއަންޓް ކަމަށްވާ، އޮމިކްރޮންގެ ރާޅު ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް އަރައިފައެވެ. ސިއްހީ މާހިރުން އަންނަނީ މިފަހަރުގެ ރާޅުގެ ބިރުވެރިކަން ވަރަށްވެސް ބޮޑުވާނެ ކަމުގެ އިންޒާރު ދެމުންނެވެ. ކުރިން ތަޖުރިބާ ކޮށްފައި ނުވާ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައިދާނެ ކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 9000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވާނެ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާ ކޮށްފަ އެވެ. މިހާރުވެސް ދުވާލެއްގެ މައްޗަށް މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިއޮތީ 2000 އިން މައްޗަށް އަރާފަ އެވެ.
މިއަށްވުރެ ނުރައްކާ ހާލަތެއްވެސް ރާއްޖެއާ ކުރިމަތި ލި އެވެ. އޭރު ދުވާލެއްގެ މައްޗަށް ފަސް މީހުން ނުވަތަ ހަ މީހުން ކޮވިޑު ބަލީގައި މަރުވެ އެވެ. އެއްދުވަހަކު އެކަނި 13 މީހުން މަރުވި ދުވަހެއްވެސް ދިވެހީން މިތިބީ ދެކިފައެވެ. އެއިންވެސް އަރައިގަތުމަށް ކުރެވުނީ ގިނަ ގުނަ މަސައްކަތެވެ. ފަރުދީ ޒިންމާވެސް އަދާކުރި އެވެ.
އޭރު ފިހާރަތަކުން ވިޔަފާރި ކޮށްގެން އައުމަށްފަހު ބާކީ ދޭ ފައިސާ ކޮޅާއި އަރާ ފައިވާނާއި ލައިގެން ހުންނަ ގަމީހާއި ފަޓުލޫނާއި ނުވަތަ ހެދުމާއި ގެންނަ ތަކެތި ވަގުތުން ބާލައި ވަކީން ބެހެއްޓި މީހުން ނުވަތަ ވަގުތުން ދޮވުނު މީހުން ގިނައެވެ. މިއީ އަމިއްލައަށް އިސްނަގައިގެން އަމިއްލަ ސަލާމަތަށް ރައްޔިތުން އޭރު ކުރި ކަންތަކެވެ. އޭރުވެސް ކޮންމެހެން އެހެން އަމަލު ކުރުމަށް މަޖުބޫރެއް ނުކުރެ އެވެ. އެހެން ކަމުން އެނގެން އޮތް ހަގީގަތަކީ ގަދަބާރުން ފިޔަވަޅުތައް ހަރުކަށި ކޮށްގެން ނޫނަސް ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރެވިދާނެ ކަމެވެ.
ކޮވިޑްގެ ހަތަރު ވަނަ ރާޅުގެ ބިރުވެރިކަމުގެ ވާހަކަ ދައްކަމުން އަންނައިރު، މިއީ އެންމެންވެސް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ. ހާއްސަކޮށް މި ދުވަސްވަރު ސިއްހީ މާހިރުން ދޭ ލަފައޔާއި އިރުޝާދުތައް އަޑުއެހުން ވަރަށްވެސް މުހިންމެވެ. މީގެ ކުރިން ރާއްޖެއިން ދެކެފައި ނުވާ ވަރުގެ ބޮޑު ޕީކެއް އައިސްދާނެކަމުގެ އިންޒާރު ސިއްހީ މާހިރުން ދެމުން އަންނައިރު، ފަރުދީ ޒިންމާ އަދާ ކުރަންވީ ވަގުތު އަނެއްކާވެސް މިއޮތީ ޖެހިފައެވެ.
ދެން އޮތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ލަސްވާ ވާހަކަ އެވެ. އެއްބަޔަކު މިކަން ސިޔާސީ ކަންކަމާއި އިންތިހާބާ ގުޅުވަ އެވެ. އެކަމަކު ސިއްހީ މާހިރުން ވިދާޅުވަނީ މިއީ ސިޔާސީ ކަމަކާ ގުޅުވެން އޮތް ކަމެއް ނޫން ކަމަށެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓު ކުރާ މީހުންގެ އަދަދާއި ޕޮޒިޓިވް ވާ ރޭޓު ބަލައިލުމަށްފަހު ލޮކްޑައުންއަކަށް ދާންޖެހިއްޖެ ހާލަތެއްގައި ދާނެ ކަމަށެވެ. އެހެން ނަމަވެސް އެ ހިސާބަށް ފިޔަވަޅުތައް ހަރުކަށި ނުކޮށް ބަލި ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭއިން ލަސްވިޔަސް ތިމާ އަށް އެޅެން އޮތް ފިޔަވަޅެއް އަޅައިގެން ބަލިން ރައްކާތެރިވުން މުހިންމެވެ.
އެހެންކަމުން ދެން އޮތީ ތިމާ އާއި ތިމާގެ އާއިލާއާއި ރަހުމަތްތެރިންގެ ރައްކާތެރިކަން ހޯދުން ނޫން ހެއްޔެވެ. އަލާމާތެއް ހުރި ނަމަ ޓެސްޓު ކުރުމެއް ނޫން ހެއްޔެވެ. ސާމްޕަލް ނަގައިގެން ނަތީޖާ ލިބެންދެން ހުރުން ނޫން ހެއްޔެވެ. ޑައިރެކްޓް ކޮންޓެކްޓަކަށްވީމަ ވެސް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މައިތިރިވުން ނޫން ހެއްޔެވެ. ވެކްސިން ނުޖަހާނަމަ, އެކަން ފުރިހަމަކޮށް ރައްކާތެރިކަން ހޯދުން ނޫން ހެއްޔެވެ. މި ހުރިހާ ކަމެއް ކޮށްގެން ތިބިއްޔާ, އެޗްޕީއޭ އިން ހަރުކަށި ނުކުރިޔަސް ކީއްހެއްޔެވެ؟
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް