ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، ކޮމަންޑޫ ދާއިރާއަށް ޒިޔާރަތްކުރައްވަން ނިންމަވައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު މިއަދު ވިދާޅުވީ، ޖޭޕީއަކީ ސަރުކާރު ކޯލިޝަންގެ ހިއްސާދާރެއް ކަމަށާއި އެ ޕާޓީން މަސައްކަތްކުރާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އެ ވިސްނުމުގައި ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް އަންނަ އަންގާރަ ދުވަހު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ޒިޔާރަތްކުރައްވާނެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދާލަތުން ވެސް އެމްޑީޕީއަށް ތާއީދުކުރާކަން ނިންމައި، އިއުލާންކުރީ މިއަދުއެވެ. އެމްއާރުއެމުން މިހާތަނަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައިނުވާ އިރު، އެޕާޓީން އެދިފައިވަނީ އެންމެ ގާބިލު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީއެވެ. އެމްޑީޕީގެ ފަރާތުން ރާޝިދު ވާދަކުރާ އިރު، ޕީޕީއެމުން ވާދަކުރަނީ މޫސާ ފަތުހީ އާދަމެވެ. އަދި އެމްއެންޕީން ވާދަކުރަނީ އަބްދުލް ހަންނާނު އިދުރީސެވެ.

ރާޝިދުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މިހާރު ގެންދަވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ރާޝިދަށް ކެމްޕެއިން ކުރެއްވުމަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވެއެވެ. ރައީސް ނަޝީދާއެކު އިއްޔެ ރައީސް ސޯލިހު ވެސް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އެ ދަތުރުފުޅަށް އެމަނިކުފާނު ނެންގެވި ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.