ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭނުންފުޅުވަނީ އިންޑިއާގެ ރައްޔިތުންނާއި ދިވެހިން މޫނު ކެނޑޭގޮތް ހެދުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މަގުސަދަކީ ފުދުންތެރި އާއިލާއެއް އުފެއްދުން ކަމަށާއި ދިވެހިންގެ ޖީބުތައް ތަނަވަސްކުރުން ކަމަށެވެ.
އެމްޑީޕީން ބޭނުންވަނީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރަން ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ މާލޭ ސަރަހައްދު ތޮއްޖައްސަން ކަމަށެވެ.
"އުމްރާނީ ބިނާތަކަކުން އަޅުގަނޑުމެންގެ ރައްޔިތެއް، އެއްވެސް ރައްޔިތެއް ތަރައްގީވެދާނެ ކަމަށް އެމީހުންގެ އާންމު ހާލަތު ބަދަލުވެދާނެ ކަމަށް ދެކޭ ދެކުމަކީ ކުށްހީއެއް. ބޮޑުހިލަ ބަނދަރެއް، އެއްގަމު ތޮއްޓެއް، ކޮންކްރީޓްގެ މިންވަރެއް އެއީއެއް ނޫން އަޅުގަނޑުމެން މި ދަންނަވާ ތަރައްގީއަކީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީން ގަބޫލުކުރާ ތަރައްގީއަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުން ކަމަށެވެ.
އިދިކޮޅު ލީޑަރު ޔާމީން އިސްވެ ހުންނަވައި ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓްވެގެން ރައްޔިތުންނަށް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.
"ރައީސް ޔާމީން ވިސްނަވައިގެން އެކުރައްވަނީ ވަރަށް ނުރައްކާތެރިކަމެއް. އެބޭފުޅާއަށް އެނގިވަޑައިގެންނަވާ އެކުރައްވާ ކަންތައްތައް. އެއީ ދުނިޔޭގެ އެންމެ ބޮޑު އެއްބާރެއްގެ ގޮތުގައި މިހާރު ފާހަގަވަމުން އަންނަ އަދި އަޅުގަނޑުމެންގެ އަވަށްޓެރި ގައުމެއް، އެގައުމުގެ ރައްޔިތުންނާއި މިރާއްޖޭގެ ރައްޔިތުންނާއި މި ފޯކައިދޫގެ ރައްޔިތުންނާ، މޫނު ކެނޑޭގޮތް ހެދުން. ދެބަސްވާގޮތް އުފެއްދުން،" ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު ޔާމީން އިސްވެ ހުންނަވައި މާލެ އާއި އަތޮޅުތެރޭގައި ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު