ޚަބަރު

ރައީސްގެ އެދިވަޑައިގަތުމަށް އަދާލަތުގެ ތާއީދު ރާޝިދަށް

އަލީ ޔާމިން

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށް ތާއީދުކުރަން ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތީން ކަމަށެވެ.

އަދާލަތުން ވަނީ ރައީސްގެ އެދިވަޑައިގަތުމަށް އެ ޕާޓީން އިޖާބަދިން ސަބަބުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން އަދާލަތުން ބުނީ 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނު އަސާސީގެ ހާޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ނަޒަރުކުރާއިރު، ރައީސް ސޯލިހުގެ ސަރުކާރުގައި އަމާން، ސުލްހަވެރި މުޖުތަމައެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑްގެ އާލަމީ ވަބާއާއެކު މެދުވެރިވި އިގުތިސޯދީ ދަތިތަކާއެކުވެސް ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް، ގިނަ ޕާޓީއެކުލެވޭ ކޯލިޝަނެއް ހިންގަމުން ގެންދިއުމަކީ ރައީސްގެ އެދިވަޑައިގަތުމަށް އިޖާބަދިން ސަބަބެއް ކަމަށެވެ.

އަދާލަތުން ވަނީ ރާއްޖޭގެ އިސްލާމީ ސަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސް ސޯލިހުގެ އަރިހުގައި އަދާލަތުން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރާކަންވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން އަދާލަތުން ބުނީ ރައީސް ސޯލިހަށް އިޖާބަދެއްވި އަނެއް ސަބަބަކީ މަސްތުވާތަކެއްޗާއި ގޭންގުތައް ހުއްޓުވުމަށް ދުވަހަކު މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނާތީ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ތާއިދު ކުރަން އަދާލަތުން ނިންމީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިން ވަނަ ދައުރުގެ ދިހަ ވަނަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމިއިރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމުން އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރިކަން އިއުލާންކޮށްފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީގެ ބަހެއް ހޯދުމަށް އެޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޖޭޕީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.