ޚަބަރު

ރިހިވެލި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

މުހައްމަދު އިޝާން

ގާނޫނީ ބޮޑު ކޯޅުމެއްގެ ތެރޭގައި އޮތް ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމް، ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މާހަލް ޓުއާސް އިން ރިހިވެލި ރިސޯޓް ސަބްލީސް ކުރީ ސޭވް ދަ ޑްރީމް ފްރާންސަށް ނޫން ކަމަށްވާތީ ސަބްލީޒް އެއްބަސްވުން ބާތިލުކުރި މައްސަލައިގައި އެ ކުންފުންޏަށް ދައުވާކުރުމުގެ ހައްގު ލިބިފައި ނުވާ ކަމަށެވެ.

ހައި ކޯޓުގެ އެ ހުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓަށް އެންގުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމައި އިއްޔެ އެކަން ސޭވް ދަ ޑްރީމްގެ ގާނޫނީ ވަކީލުންނަށް އަންގައިފައެވެ. ރަޖިސްޓްރާ އެގޮތަށް ނިންމީ ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ހުށަހަޅާފައި ނެތުމުންނެވެ.

ސޭވް ދަ ޑްރީމްސް އިން މިއަދު ބުނީ ރަޖިސްޓްރާގެ އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓުން އެންމެ ފުރަތަމަ އެ މައްސަލަ ބެލުމަށްފަހު މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ހުކުމްކުރީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއެކު މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލުކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލުވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލުކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށެވެ.

މާހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީއެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް މާހަލް އިން ބުނެއެވެ.

ރިހިވެލި ރިސޯޓުގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް އެ ރިސޯޓު މަރާމާތުކޮށް ވަނީ އަލުން ހުޅުވައިފައެވެ. މިހާރު އެ ރިސޯޓު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެއް ކަމަށްވާ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ބީޗްއެެކްސް ކުންފުނިން އެ ރިސޯޓު ހިންގަނީ މާހަލްއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.