ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ކަރަންޓު ސޯލާއިން އުފެއްދުން ހިމެނޭހެން އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް އައްޑޫ ސިޓީގައި ހިންގަން ފެނަކައިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ފެނަކައިން އުއްޔެ ވަނީ އައްޑޫގައި 4.5 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ސޯލާ ގުރިޑް ގާއިމުކުރަން ކުލެއާ ފިއުޗާ ސިނާޖީސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

އެ މަޝްރޫއުގެ ދަށުން ގަން އެއާޕޯޓުގައި 2.5 މެގަވޮޓުގެ ކަރަންޓު އުފައްދައި ސޯލާ ގްރިޑް ގާއިމު ކުރާނެއެވެ. އެއާއެކު ގަން އެއާޕޯޓަށް ބޭނުންވާ 100 ޕަސަންޓް ކަރަންޓު އެ ގްރިޑުން އުފައްދައިދޭނެއެވެ.

ފެނަކައިން ބުނީ، ގަން އެއާޕޯޓުގައި 2.5 މެގަވޮޓުގެ ކަރަންޓު އުފައްދާ ސޯލާ ގްރިޑް ގާއިމުކުރުމާއެކު މުޅި އެއާޕޯޓަށް ސޯލާއިން ކަރަންޓުން ދޭ ރާއްޖޭގެ ފުރަތަމަ އެއާޕޯޓަކަށް ގަން އެއާޕޯޓްވާނެ ކަމަށެވެ.

ފެނަކައިން އިތުރަށް ބުނީ، އެ މަޝްރޫއުގެ ދަށުން، އައްޑޫ، ހުޅުމީދޫގައި ބަހައްޓާ ސޯލާ ގުރިޑުން ކައިރި ރިސޯޓްތަކަށް ކަރަންޓު ދޭން ހަމަޖައްސާފައިވާ ކަމަށެވެ.