ކޮވިޑުގައި މިއަދު އިތުރު މީހަކު މަރުވެ ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 267 އަކަށް އަރައިފި އެވެ.
ކޮވިޑުގައި މިއަދު ފުރަތަމަ މަރުވީ ލާމު ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 64 އަހަރުގެ ލ. ފޮނަދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:04 ގަ އެވެ. މިއަދު ދެވަނައަށް މަރުވީވެސް ފޮނަދުއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 63 އަހަރުގެ އަންހެނެކެވެ.
އެމީހާ މަރުވީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 6:12ގަ އެވެ. މި މީހާ އަކީ ކެންސަރު ބައްޔާއި ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ބަލި ތަހައްމަލު ކުރަމުންދިޔަ މީހެކެވެ. ނަމަވެސް މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.
މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 267 އަކަށް އަރާފަ އެވެ. އެއީ 249 ދިވެހީންނާއި 18 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.