ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެ ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު 266 އަށް އަރައިފި އެވެ.
ގަން ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަންނާން "ވަން" އަށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުންނަ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 64 އަހަރުގެ ލ. ފޮނަދުއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
ހަންނާން ވިދާޅުވީ އެ މީހާ މަރުވީ ކޮވިޑަށް ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނު 6:04 ގައި ކަމަށެވެ. އެމީހާ އަށް ފަރުވާ ދެމުން ގެންދިޔަތާ މިއަދަށް މިއީ ފަސް ވަނަ ދުވަސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއާއެކު ލާމު އަތޮޅުން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ. އަދި ރާއްޖޭގެ ޖުމުލަ އަދަދު ވަނީ 266 އަށް އަރާފަ އެވެ. އެއީ 248 ދިވެހީންނާއި 18 ބިދޭސީންނެވެ.
ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މިއަދު ލ. ފޮނަދޫ އަށް ނިސްބަތްވާ އުމުރުން ދުވަސްވީ އަންހެނަކުވެސް ވަނީ މަރުވެފަ އެވެ. ނަމަވެސް އެމީހާ އަކީ ކެންސަރު ބައްޔަށްވެސް ފަރުވާ ހޯދަމުންދާ މީހެއް ކަމަށްވުމުން އެއީ ކޮވިޑު މަރެއްގެ ގޮތުގައި ކަނޑައަޅާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު