ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި މާޒިޔާ ވެސް ބަލިކޮށް ވެލެންސިއާއިން ބަލިނުވެ ފައިނަލަށް ދިޔަ އިރު، ދެވަނަ ޓީމުގެ ގޮތުގައި މާޒިޔާ ވެސް ފައިނަލް ޔަގީން ކޮށްފިއެވެ.
މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާ އަށް މިރޭގެ މެޗުގެ ކުރިން ފައިނަލުގެ ޖާގަ ޔަގީންވީ މިއަދު ހަވީރު އީގަލްސް އަތުން 4-1 އިން ގްރީން ސްޓްރީޓްސް ބަލިވުމުންނެވެ. ވެލެންސިއާއިން 14 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ޖާގަ ހޯދި އިރު، އަންނަ އާދިއްތަ ދުވަހު ހަވީރު ރ. އަލިފުށީ ޓާފް ދަނޑުގައި ކުޅޭ ފައިނަލަކީ މާޒިޔާ އިން 2015 އަހަރުގެ ފަހުން ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ.
ވެލެންސިއާ ލީގު ބުރުގެ އެއްވަނަ ހޯދީ 17 ޕޮއިންޓާ އެކުއެވެ. ދެ ވަނަ އަށް ދިޔަ މާޒިޔާ އާއި ތިން ވަނަ އަށް ދިޔަ ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބުނީ 15 ޕޮއިންޓެވެ. މާޒިޔާގެ ފައިދާ 10 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ފައިދާ ނުވަ ގޯލެވެ.
މިރޭގެ މެޗުގައި ވެލެންސިއާގެ ހަމައެކަނި ގޯލު، މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މާޒިޔާއިން ގޯލަކަށް މަސައްކަތްކޮށް، ހަމަލާތައް އުފެއްދި އިރު، އިބްރާހީމް އައިޝަމް ނުރައްކާތެރި ދެ ހަމަލާއެއް ފާހަގަވިއެވެ.
މެޗުގެ ދެވަނަ ހާފުގައި އައިޝަމް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ކޯނެލިއަސް ސްޓެވާޓުގެ ނުރައްކާތެރި ހަމަލާއެއް ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރިއެވެ.
އަނެއްކޮޅުން ވެލެންސިއާއަށް ވަނީ ޕެނަލްޓީއެއް ލިބި، ބޭކާރު ވެގެން ގޮސްފައެވެ. ސެންޓޭ ފޮނުވާލި ޕެނަލްޓީ މަތަކުރީ މާޒިޔާގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރެވެ.
މެޗު ނިމެން 20 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާ ޑިފެންޑަރު އަހުމަދު ސިޒާނަށް ވަނީ ރަތްކާޑު ދައްކައިފައެވެ.
ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވެލެންސިއާގެ ދެ ޑިފެންޑަރުން ކަމަށްވާ ޑަކްސަން އާއި ސިޒާން އެކުގައި ކަހަލަ ގޮތަކަށް ތިބެ ކުރި ފައުލަށް ރަތް ކާޑު ދެއްކުމުގައި ރެފްރީއަށް ވަނީ ފުރަތަމަ އޮޅިފައެވެ.
ފުރަތަމަ ރެފްރީ ސިނާން، ރަތްކާޑު ދެއްކީ ޑަކްސަން އަށެވެ. އެއީ ލައިންސްމަން އަހުމަދު އަސްލަމް ކައިރީގައި އަހައިފައެވެ. އެކަމަކު، ހަމްޕު ގައިގައި ޖެހުނީ ސިޒާން ކަމަށް ބުނެ، ވެލެންސިއާ އިން އެޕީލްކުރަން ފެށުމުން ދެވަނަ ލައިންސްމަނަކަށް ހުރި ޝިފާން ކުރެން އޮޅުން ފިލުވުމަށް ފަހު ރެފްރީ ސިނާން ވަނީ ޑަކްސަންގެ ރަތް ކާޑު ކެންސަލްކޮށް، އެ ކާޑު ދެއްކީ ސިޒާނަށް ކަމަށް ނިންމައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު