އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ޅ. ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ ޝަރީއަތް މާދަމާއަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކުރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ތަވާލުކުރީ މާދަމާ ހެނދުނު 10:00 އަށެވެ.
ޕީޖީ އޮފީހުން މޭރީގެ ފިރިމީހާ މާވީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީއެވެ.
އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅެމުން އަންނަ ކޮޓަރި ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.
މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު