އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓައިލައިފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ވާރިސުން ބޭނުންވަނީ ބަނގުލާދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ގެ ފަރާތުން މަރަށްމަރު ކަމަށް ދައުލަތުން ބުނެފިއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައި ވެއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުން ކުރިޔަށް ގެންދެވީ ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މިއަދުގެ އަޑު އެހުމުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ، ސާލިމަށް ލިބިފައިވާ ހައްގުތައް ސާފު ކޮށްދިނުމާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި، އެ މައްސަލައިގައި އޭނާގެ މައްޗަށް އަންނާނެ ހުކުމް އޮޅުން ފިލުވައިދިނުމެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި މި މައްސަލަ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލާ އައިޝަތު މުނާ ވަނީ މަރުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރަށް މަރު ހިފުމުގެ ހުކުމެއް ކަމަށާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަން ސާލިމަށް ސާފުކޮށްދެއްވައިފައެވެ.

ނަމަވެސް ދައުވާއަށް އިއުތިރާފު ވެއްޖެނަމަ ލިބޭނެ ލުއިތައްވެސް ވަކީލާ ސާފުކޮށްދެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި ސާލިމަށް ދައުލަތުން ހަމަޖައްސަވައި ދެއްވި ގާނޫނީ ވަކީލު މަޖީދު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. ސާލިމް ބުނީ އެ ވަކީލާއެކު ކުރިއަށް ދާން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ދައުލަތުގެ ވަކީލަކު ބޭނުންވީ އަމިއްލައަށް ވަކީލަކު ހަމަޖެއްސުމަށް ފައިސާ ނެތުމުން ކަމަށެވެ.

ދައުލަތުގެ ވަކީލާ އައިޝަތު މުނާ ދައުވާ އިއްވެވުމުން މި މައްސަލައިގެ ތަގީގުގައި މަހުމޫދު މަރައިލި ކަމަށް އެއްބަސްވި ގޮތަށް، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ސާލިމް ވަނީ އެކަަމަށް އެއްބަސް ވެފައެވެ.

ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ސާލިމް ބުނީ އެކަމަށް އިއުތިރާފުވާ ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެކަމަށް އެއްބަސް ވަނީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ނޫން ކަމަށްވެސް ބުންޏެވެ. އަދި އެއީ ޝައިތާނާ ބޮލަށް ވަދެގެން ކަމަށް ވެސް ބުންޏެވެ.

އެކަމަށް ސާލިމް އިއުތިރާފު ވެފައިވާތީ، އިއުތިރާފު އެއްބަސްވުން ހެދުމާބެހޭގޮތުން ދިފާއީ ވަކީލު ވާހަކަ ދެއްކެވިއެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ، މިއީ މަރުގެ މައްސަލައަކަށް ވެފައި މަހުމޫދުގެ ހުރިހާ ވަކީލުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ސާލިމާ އެކު އިއުތިރާފުގެ އެއްބަސްވުން ނުހަދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ދިފާއީ ވަކީލު ވިދާޅުވީ ސާލިމް މައްސަލައިގައިވެސް އިއުތިރާފު އެއްބަސްވުން ހެދުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެ، އޭނާ އެކަން ކުރީ ޝައިތާނާ ބޮލަށް އެރިގެންކަމަށް ސާލިމް ބުނެފައިވާ ކަމަށާއި، އެކަމަށް ޓަކައި އޭނާ މައާފަށް އެދިފައިވާކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސް ގާޒީ ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅު ގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.

ފުލުހުން ބުނީ މަހުމޫދުގެ ހަށިގަނޑު ފެނުނުއިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. މި މައްސަލައިގައި ސާލިމްގެމައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަހުމޫދު މަރައިލީ ފައިސާގެ ބޭނުމުގައި ކަމަށެވެ. މި ހާދިސާއާ ގުޅިގެން ސާލިމު ދިރިއުޅުނު ދަނގެތީ ނެދުންގެ ބަލައި ފާސްކުރުމުގައި ވެސް ފައިސާތަކެއް ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި 500 ރުފިޔާގެ ވިއްސަށްވުރެ ގިނަ ނޫޓު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.