ސުޕްރީމް ކޯޓުގެ ރިސެސްއަށްފަހު، މުނީރުލް އިސްލާމްގެ މަރުގެ މައްސަލައާއެކު އެ ކޯޓުގެ ޝަރީއަތްތައް މިމަހު 30 ގައި ފަށަން ނިންމައިފިއެވެ.
ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިން ކުށުގެ ދައުވާގެ ހުކުމަށްފަހުގެއެވެ.
މިމަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ފުރަމަ އަޑުއެހުމަކަށް ތާވަލުކޮށްފައި އޮތީ، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށް ލައި، މަރުވި މީހާގެ ވަލީވެރިންނަށް ބަރު ދިޔަ ދޭން ހައިކޯޓުން ކޮށްފައިވާ ހުކުމާބެހޭ އިސްތިއުނާފުގެ މައްސަލައެވެ.
މިއީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމް ހ. ޗާންދަނީމަގު 24 ނަންބަރު ގޭގެ ހަވަނަ ފަންގިފިލާގައި ހުންނަ އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓުގައި ނިދާފައި އޮއްވައި އޭނާގެ ކަރަށް ވަޅި ހަރައި މަރާލާއިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައި ވަނީވެސް ބަންގްލާދޭޝް މީހެއް ކަމަށްވާ ކަމްރުލް އިސްލާމް އަށެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ ކަމްރުލް އިސްލާމްގެ މައްޗަށް ދައުލަތުން ކުރި، ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ހައިކޯޓުން ހުކުމް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މުނީރުލް އިސްލާމްގެ ގާތިލަށް މަރުގެ އަދަބު ދިނުމާއެކު މަރުގެ ދިޔަ ލިބިގަތުމަށް އޭނާގެ ވާރިސުން އެދިފައިވާތީ އެ ދެ އަދަބު އެކީގައި ކަނޑައެޅޭނެ ހަމައެއް ނެތުމުން އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި ވާރިސުން އެދިފައިވާ ދެގޮތުގެ ތެރެއިން މަރުގެ ދިޔަ ނަގައިދޭން ފަނޑިޔާރުން ހުކުމް ކުރިއެވެ.
އެގޮތުން މި މައްސަލައިގައި ސާބިތުވެފައިވަނީ ގަތުލު އަމްދުގެ ކުށް ކަމަށް ވެފައި، މިގަތުލު ހިންގާފައި ވަނީ ހުރުމަތްތެރިވެގެންވާ މަހެއްގެ ތެރޭގައި ކަމަށްވާތީ، ގާތިލުގެ ފަރާތުން ނަގައިދޭން ޖެހޭނީ ބަރު ކުރެވިގެންވާ ދިޔައެއްކަމަށްވާތީ، ލުއި ދިޔަ ކަމަށްވާ 100،000 ރުފިޔާއަށް ތިންބައިކުޅަ އެއްބައި އިތުރުކޮށް ބަރުކުރެވިގެންވާ ދިޔައިގެ ގޮތުގައި 133،333.33 ރުފިޔާ އަކީ މަރައިލި މީހާގެ މަރުގެ ދިޔަ ކަމަށް ކަނޑައަޅައި، އެ ފައިސާ ވާރުތަވެރީންނަސް ލިބިދިނުމަށް ސިވިލްކޯޓަށް ދެއްކުމަށް ވެސް ހުކުމްގައި އަމުރު ކޮށްފައި ވެއެވެ. އަދި ތައުޒީރީ އަދަބެއްގެ ގޮތުން ކަމަރުލް އިސްލާމް، 25 އަހަރަށް (އުމުރަށް) ޖަލަށްލުމަށް ވެސް ހުކުމް ކުރިއެވެ.