ސައިންސް

މަސްނޫނީ އިރަށްފަހު މަސްނޫއީ ހަނދެއް އުފެއްދުމުގެ މަސައްކަތް ޗައިނާއިން ފަށައިފި

1

ޓެކްނޮލޮޖީން ކުރިއަރާފައިވާ ޗައިނާއިން ވަނީ މަސްނޫއީ ''އިރެއް'' އުފެއްދިކަން މީގެކުރިން ހާމަކޮށްފައެވެ.

ޗައިނާއިން ހެދި މަސްނޫއީ އިރުގެ ހޫނުމިން، ގުދުރަތުން ލައްވާފައިވާ އިރަށްވުރެ 5 ގުނަ އިތުރު ކުރެވިއްޖެކަން މިދިޔަ ހަފުތާގައި އެގައުމުން ވަނީ ފާހަގަކޮށްފައެވެ. ޗައިނާއިން އުފެއްދި އިރަކީ އެކްސްޕެރިމެންޓަލް އެޑްވާންސްޑް ސުޕަކޮންޑަކްޓިންގް ޓޮކަމަކް ''އީސްޓް'' ގެ ނަން ދީފައިވާ ނިއުކުލިއާ ފިއުޝަން ރިއެކްޓަރެކެވެ. 17 މިނިޓު ވަންދެން ދުނިޔޭގެ އިރަށްވުރެ 5 ގުނަ އިތުރަށް ހޫނުމިން އުފައްދައިގެން އީސްޓް ވަނީ ދުނިޔޭގެ ރެކޯޑެއް ހަދާފައެވެ.

ޗައިނާގެ ޒިންހުއާ ނޫސް އޭޖެންސީން މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ''އީސްޓް'' އިން 70 މިލިއަން ޑިގްރީ ސެލްސިއަސްގެ ހޫނުމިން ހިފަހައްޓާފައިވާ ކަމަށާއި މީގެ ސަބަބުން އިމެއް ނެތްގޮތަށް ސާފު ހަކަތަ އުފެއްދުމަށް ދުނިޔޭގެ ސައިންޓިސްޓުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރުމާ ގާތަށް އާދެވިފައިވާ ކަމަށެވެ.

ގްރީންހައުސް ގޭސް ބޭރުވުން ހުއްޓުވުމުގެ މަސައްކަތް ނިއުކްލިއާ ފިއުޝަންގެ އެހީގައި މިހާތަނަށް ކުރެވެމުން އައިސްފައިވާއިރު އޭގެ ބޭނުން ރަނގަޅަށް ކުރެވިއްޖެނަމަ މުސްތަގުބަލުގައި ސާފު ހަކަތަ އުފެއްދޭނެ މަގު ތަނަވަސްކުރެވިދާނެ ކަމަށާއި ޗައިނާގެ މައިގަނޑު މަގުސަދަކީ އެއީ ކަމަށް ވަނީ ބުނެފައެވެ.

މިމަސައްކަތުގެ އިތުރުން ޗައިނާއިން މަސްނޫއީ ހަނދެއް އުފެއްދުމުގެ މަސައްކަތްތަކެއްވެސް ވަނީ ފަށާފައެވެ. ޗައިނާގެ މައިނިން އެންޑް ޓެކްނޮލޮޖީ ޔުނިވަސިޓީގެ ޕްރޮފެސަރު، ލި ރުއިލިން އިސްވެހުރެ ކުރަމުން އަންނަ މަސައްކަތުގައި އުފައްދަމުން އަންނަ މި ހަނދުގައި ހިމެނޭ ސިމިއުލޭޓަރުގެ އެހީގައި ބިމުގައި ހިމެނޭ ދަމާ ބާރު ކުޑަކުރުމުގެ ގާބިލުކަން ލިބިފައިވާކަން ލީ ވަނީ ފާހަގަކޮށްފައެވެ.