އެމެރިކާ އިރުއުތުރު ސަރަހައްދުތަކުގެ މަތިން ފެނިފައިވާ ގޮތްނޭނގޭ އުދުހޭ ތަކެތީގެ (ޔޫއޭޕީ) ހަތަރު ވީޑިއޯއެއް އެމެރިކާގެ ޕެންޓަގަންއިން އާންމުކޮށްފިއެވެ. މި ވީޑިއޯތަކުން ފެންނަނީ އާދަޔާހިލާފު ގޮތްގޮތަށް ދަތުރުކުރާ، އަލިގަދަ ގުޅަތަކެއް ފަދަ ތަކެއްޗެވެ.
ޕެންޓަގަންއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަތަރު ވީޑިއޯއަކީ 2021 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު އެފްބީއައިއަށް ހުށަހަޅާފައިވާ ވީޑިއޯތަކެކެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ އިރުއުތުރުގެ ސަރަހައްދުތަކުން ފެނިފައިވާ ރަތް އަދި ހުދު ކުލައިގެ އަލިގަދަ ގުޅަތަކެއްގެ މަންޒަރުތައް ހިމެނެއެވެ. އެފްބީއައިގެ ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، އޭގެ ތެރެއިން އެއް ގުޅައިގެ މެދުގައި ބާސްކެޓްބޯޅައެއްގެ ބޮޑުމިން ހުރި ހުދު ކުލައިގެ އަލިގަނޑެއް ފެންނަން ހުއްޓެވެ.
މިކަމާ ގުޅޭގޮތުން ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އަދިވެސް ހައްލުނުކުރެވި ހުރި މައްސަލަތަކެއް ކަމަށާއި، މި ތަކެތީގެ އަސްލަކީ ކޮބައިކަން ކަށަވަރުކޮށްދޭން ސަރުކާރަށް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް، ޕެންޓަގަންގެ އޯލް-ޑޮމެއިން އެނޯމަލީ ރިޒޮލިއުޝަން އޮފީސް (އޭއޭއާރްއޯ) އިން ބުނި ގޮތުގައި، މިއީ ދުނިޔެއިން ބޭރުގެ ޓެކްނޮލޮޖީއެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
ދިފާއީ ތަޖުރިބާކާރުންނާއި އޭއޭއާރްއޯގެ ރިޕޯޓުތަކުގައި މި ތަކެތީގެ ހަރަކާތްތައް ވަރަށް ތަފްސީލުކޮށް ފާހަގަކޮށްފައިވެއެވެ. އެގޮތުން، އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ އޮފިސަރަކާ ހަވާލާދީ އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، އެ އަލިގަނޑު ބޮޑުވަމުން ގޮސް އޭގެ ތެރެއިން އިތުރު ތިން ނުވަތަ ހަތަރު ރަތް އަލި ނުކުތް ކަމަށެވެ. އަދި އެ ތަކެތި ވަރަށް ހަލުވިކަމާއެކު ދަތުރުކޮށް، އެއްވެސް އުނދަގުލަކާ ނުލައި ވަރަށް ފުރިހަމައަށް އެކަތި އަނެކައްޗާ ގުޅިގެން ހަރަކާތްތެރިވި ކަމަށް އޭނާ ބުނެފައިވެއެވެ. މި ވީޑިއޯތައް އާންމުކޮށްފައިވަނީ އެމެރިކާ ސަރުކާރުގެ ހާމަކަން ބޮޑުކުރުމުގެ ސިޔާސަތުގެ ދަށުން، މިފަދަ މައްސަލަތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ