ދުނިޔޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އައިޕީއޯ މެދުވެރިކޮށް، އެމެރިކާގެ ޖައްވީ ކުންފުނި ސްޕޭސްއެކްސް މިއަދު ހިއްސާގެ ބާޒާރަށް ނުކުމެއްޖެއެވެ. ނަސްޑެކް އެކްސްޗޭންޖުގައި އެ ކުންފުނީގެ ހިއްސާއެއް 135 އެމެރިކާ ޑޮލަރަށް ވިއްކަން ފަށައި، ޖުމްލަ 75 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.

މިއާއެކު ސްޕޭސްއެކްސްގެ ޖުމްލަ އަގު 1.77 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ވޯލް ސްޓްރީޓްގެ ތާރީހުގައިވެސް ކުންފުންޏަކުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 2019 ވަނަ އަހަރު 29 ބިލިއަން ޑޮލަރު ހޯދި ސައުދީ އަރަމްކޯ އަތުގައެވެ.

މި ތާރީހީ އައިޕީއޯއާއެކު، ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކް ވަނީ ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައެވެ. ފޯބްސް އިން އަންދާޒާކުރާ ގޮތުގައި، ސްޕޭސްއެކްސްގައި މަސްކް ހިފަހައްޓާފައިވާ 42 އިންސައްތަ ހިއްސާގެ ސަބަބުން އޭނާގެ ޖުމްލަ މިލްކިއްޔާތު މިހާރު ވަނީ އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ. މީގެ ކުރިން އޭނާގެ މިލްކިއްޔާތު ހުރީ 813 ބިލިއަން ޑޮލަރުގައެވެ.

ނަމަވެސް، މާލީ ތަޖުރިބާކާރުން އަންނަނީ މި އަގުކުރުމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންވެސްޓްމަންޓް ރިސާޗް ގްރޫޕް، މޯނިންގްސްޓާގެ ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި، ސްޕޭސްއެކްސްގެ ހިއްސާއެއްގެ އަސްލު އަގަކީ 63 ޑޮލަރެވެ. އަދި ކުންފުނީގެ އަގު 1.77 ޓްރިލިއަން ޑޮލަރަށް އެރުމަކީ ހަގީގަތާ ނުބައްދަލު އަންދާޒާއެއް ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ. ސަބަބަކީ، 2025 ވަނަ އަހަރު އެކަނިވެސް އެ ކުންފުންޏަށް 4.9 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވުމެވެ.

މި އައިޕީއޯއިން ލިބުނު ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޖައްވީ ސިނާއަތް އިތުރަށް ފުޅާކުރުމަށެވެ. އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތައް ޖައްވުގައި ގާއިމުކުރުމާއި، މާސްގައި މީހުން އާބާދުކުރުމަށް ކުރާ މަސައްކަތްތައް ހިމެނޭ ކަމަށް ސްޕޭސްއެކްސްއިން ބުނެފައިވެއެވެ. މިއަދު ހިއްސާގެ ބާޒާރު ހުޅުވުމާއެކު، ސްޕޭސްއެކްސްގެ ހިއްސާގެ އަގު 170 ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.