ތައިލެންޑުން މިހާތަނަށް ފެނުނު އެންމެ ބޮޑު ޑައިނޯސޯގެ އާ ބާވަތެއް ސައިންސްވެރިން ހޯދައިފިކަން އިއުލާނުކޮށްފިއެވެ. "ނާގަޓައިޓަން ޗައިޔަފޫމެންސިސް" ގެ ނަމުން ނަންދީފައިވާ މި ޑައިނޯސޯއަކީ މުޅި ދެކުނު އިރުމަތީ އޭޝިއާއިންވެސް ފެނުނު އެންމެ ބޮޑު ޑައިނޯސޯއެވެ.

އިނގިރޭސިވިލާތާއި ތައިލެންޑުގެ ސައިންސްވެރިން ގުޅިގެން 'ސައިންޓިފިކް ރިޕޯޓްސް' ޖާނަލްގައި ޝާއިއުކުރި ދިރާސާއިން ދައްކާ ގޮތުގައި، މި ޑައިނޯސޯގެ ދިގުމިނުގައި 27 މީޓަރު ހުރެއެވެ. އަދި ބަރުދަނުގައި 27 ޓަނު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އޭޝިއާގެ ނުވަ އެތާ އެއްވަރުގެ ބަރުދަނެކެވެ. މިއީ ކަރުދިގު އަދި ގަސްކާ ބާވަތެއް ކަމަށްވާ "ސޯރޯޕޮޑް" އާއިލާއަށް ނިސްބަތްވާ ޑައިނޯސޯއެކެވެ. މި ނަމުގައި ހިމެނޭ "ނާގަ" ނިސްބަތްވަނީ އޭޝިއާގެ ސަގާފަތުގައި ކިޔައިއުޅޭ ބޮޑު ހަރުފައަށެވެ. އަދި "ޓައިޓަން" އަކީ ގްރީކް ބަހުން ބާރުގަދަ ފަރާތްތަކަށް ކިޔާ ނަމެކެވެ. "ޗައިޔަފޫމެންސިސް" ނިސްބަތްވަނީ ކަށިތައް ފެނުނު ޕްރޮވިންސަށެވެ.

މި ޖަނަވާރަކީ ސޯރޯޕޮޑްގެ އާއިލާއަށް ނިސްބަތްވާ ޑައިނޯސޯއެއް -- ފޮޓޯ: ރޮއިޓާސް

މި ޑައިނޯސޯގެ ކަށިތައް އެންމެ ފުރަތަމަ ފެނުނީ 2016 ވަނަ އަހަރު ތައިލެންޑުގެ އިރުއުތުރުގައި އޮންނަ ޗައިޔަފޫމް ޕްރޮވިންސުގެ ފެންގަނޑެއްގެ ކައިރިންނެވެ. އާންމު ރައްޔިތަކަށް މި ކަށިތައް ފެނުމާ ގުޅިގެން، ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް މިނަރަލް ރިސޯސަސްއިން ވަނީ އެ ސަރަހައްދު އިތުރަށް ކޮނެ، ދިރާސާކޮށްފައެވެ. މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ ދަރިވަރު ތިޓިޕުޓް ސެތަޕަނިޗްސަކުލް ބުނި ގޮތުގައި، މިއީ ތައިލެންޑުގެ އެންމެ ފަހުގެ ބޮޑު ޑައިނޯސޯ ކަމަށް ބެލެވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ކަށިތައް ފެނިފައިވަނީ އެ ސަރަހައްދު ތިލަ ކަނޑަކަށް ބަދަލުވުމުގެ ކުރިން އުފެދިފައިވާ އެންމެ ހަގު ހިލައިގެ ފަށަލަތަކުންނެވެ. އެހެންކަމުން މިއީ އެ ސަރަހައްދުން ފެންނާނެ އެންމެ ފަހުގެ ބޮޑު ސޯރޯޕޮޑް ކަމަށް ވުން އެކަށީގެންވެއެވެ.

ސައިންސްވެރިން ވަނީ މި ޑައިނޯސޯގެ މައިބަދައާއި، އަރިކަށިތަކާއި، އުނަގަނޑުގެ ކަށިގަނޑުގެ އިތުރުން، 5.8 ފޫޓުގެ ދިގުމިން ހުރި ފައިގެ ކަށިތަކެއް ހޯދާފަ ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން، މަހާސަރަކާމް ޔުނިވާސިޓީގެ ޕޭލިއަންޓޮލޮޖިސްޓް ސީތާ މަނިޓްކޫން ބުނީ، މިއީ މިހާތަނަށް ތައިލެންޑުން ފެނުނު އެންމެ ފުރިހަމަ ސޯރޯޕޮޑްގެ ކަށިގަނޑު ކަމަށެވެ. މީގެ ކުރިން ތައިލެންޑުން ފެނިފައިވަނީ ޑައިނޯސޯތަކުގެ ކަށިގަނޑުގެ ކުދި ބައިތަކެކެވެ. ނަމަވެސް މިފަހަރު ފެނުނު ކަށިތަކުން މި ޖަނަވާރުގެ ބޮޑުމިން ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ. މި އާ ހޯދުމުގެ ސަބަބުން، މީގެ 100 މިލިއަނާއި 120 މިލިއަން އަހަރާ ދެމެދުގެ ކުރީގެ ތާރީހުގައި މޫސުމަށާއި ގަސްގަހާގެއްސަށް އައި ބަދަލުތަކާއެކު، ބޮޑެތި ޑައިނޯސޯތައް އުފެދިގެން އައި ގޮތް ދެނެގަތުމަށް ސައިންސްވެރިންނަށް މަގުފަހިވެގެންދާނެ ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ.