ދުނިޔޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކުންފުނި ކަމަށްވާ ސްޕޭސްއެކްސް އިން، 75 ބިލިއަން ޑޮލަރުގެ ފަންޑު ހޯދުމަށްޓަކައި ޕަބްލިކް މާކެޓަށް ނުކުތުމަށް (އައިޕީއޯ) ތައްޔާރުވެއްޖެއެވެ. ނަސްޑެކްގައި "އެސްޕީސީއެކްސް" ގެ ނަމުގައި ލިސްޓުކުރުމަށް ހަމަޖެހިފައިވާ މި އައިޕީއޯ މެދުވެރިކޮށް ކުންފުނީގެ ޖުމްލަ އަގު 1.75 ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. މިއީ ސައުދީ އަރާމްކޯއިން 2019 ވަނަ އަހަރު ހެދި ރެކޯޑު މުގުރާލައި، ތާރީހުގައިވެސް ކުރިއަށްގެންދާ އެންމެ ބޮޑު އައިޕީއޯއަށް ވެގެންދާނެކަމަށްވެސް ވެއެވެ.
ޓެކް ހަބަރުތައް ބުނާ ގޮތުގައި މި އައިޕީއޯއާއެކު ސްޕޭސްއެކްސްގެ ސްޓްރެޓެޖީއަށް ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން، ކުންފުނީގެ ސެޓެލައިޓް އަދި ރޮކެޓް އިންފްރާސްޓްރަކްޗަރ ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ކުރިއެރުންތައް ހޯދުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުން ހިމެނެއެވެ. މިދިޔަ ފެބްރުއަރީ މަހު އީލޮން މަސްކްގެ އެކްސްއޭއައި ކުންފުންޏާ ސްޕޭސްއެކްސް އެއްކޮށްލުމަކީ މި މިސްރާބަށް އެޅި މުހިންމު ފިޔަވަޅެއް ކަަމަށްވެސް ހަބަރުތައް ބުނެއެވެ.
މާލީ ގޮތުން ބަލާއިރު، 2025 ވަނަ އަހަރު ސްޕޭސްއެކްސްއަށް 18.67 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އޭއައި އާއި އެހެނިހެން ދާއިރާތަކަށް ކުރި ބޮޑެތި އިންވެސްޓްމަންޓްތަކާ ގުޅިގެން 4.9 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. މާލީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ ޕްރައިވެޓް އިކުއިޓީ މާކެޓަށް އަންނާނެ ވަރަށް ބޮޑު ލޮޅުމެކެވެ. ޓީލް ގްރޫޕްގެ އެރޯސްޕޭސް އެނަލިސްޓް މާކޯ ކަސޭރެސް ބުނިގޮތުގައި، މި އައިޕީއޯގެ ސަބަބުން ސްޕޭސްއެކްސްގެ ސްޓާޝިޕް ރޮކެޓް ތަރައްގީކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފައިސާ އަވަހަށް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ސްޕޭސްއެކްސް އިން އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނަށް ހުށަހެޅި ރަސްމީ ލިޔެކިޔުންތަކުގައި ބުނެފައިވަނީ، ކުންފުނީގެ މައިގަނޑު އަމާޒަކީ އިންސާނުންނަކީ އެކި ގުރަހަތަކުގައި ދިރިއުޅޭ ބަޔަކަށް ހެދުމަށް ބޭނުންވާ ނިޒާމުތަކާއި ޓެކްނޮލޮޖީ ބިނާކުރުން ކަމަށެވެ. މި އައިޕީއޯގެ ޝެއަރތައް ވިއްކަން ފަށާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ކަމަށް ރޮއިޓަރސް ފަދަ ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އީލޮން މަސްކް
އީލޮން މަސްކް
އީލޮން މަސްކް
އީލޮން މަސްކް