ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މައްސަލަ ދައުލަތުގެ ހަތަރު އިދާރާއަކަށް ހުށަހަޅައިފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ގާނޫނީ ޓީމުގެ ވަކީލު މުހައްމަދު ރާގިބު ވިދާޅުވީ އިންތިހާބު އޮޅުވާލި މައްސަލަ ބެލުމަށް ހުށަހަޅާފައިވަނީ ފުލުހަށާއި ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިންތިގާލީ އިންސާފުގެ އޮފީހަށް ކަމަށެވެ.
ރާގިބު ވިދާޅުވީ އެ މައްސަލަ ބަލައިދިނުމަށް އެދި އިދާރާތަކަށް ހުށަހަޅާފައިވަނީ 25 ނުކުތާއެއް ފާހަގަ ކުރުމަށްފަހު ކަމަށެވެ. އަދި އެ މައްސަލަ އަނެއްކާވެސް ދިރާސާ ކުރި ކުރުމުން އަނގޮޓި ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްގެން ވޯޓުގެ ފާހަގަޖަހައިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ފޭކު ވޯޓު ކަރުދާސް ބޭނުން ކޮށްގެން ވެސް ވޯޓުލާފައިވާ ކަމަށް ރާގިބު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޝަހުސު އޮޅުވައިލުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމާއި ވޯޓުކަރުދާސް ޗާޕް ކުރަން ބިޑް ކުރުމުގައި އޮޅުވައިލުން ހިމެނެއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ނުފޫޒުފޯރުވުމާއި ރަސްމީ އިދާރާއަކަށް ދޮގުމައުލޫމާތު ދިނުމުގެ އިތުރުން މުވައްޒަފުންނަށް ބިރުދެއްކުމުގެ ތުހުމަތުވެސް ކުރެއެވެ.
އިންތިހާބު އޮޅުވާލުމުގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ އޭރުގެ ރައީސް އަހުމަދު ޝަރީފު ބައިވެރިވެފައިވާ ކަމަށް ވެސް ރާގިބު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ ފަހަރު ކޯޓުން ހުކުމް ކުރީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތް ކަމަށެވެ.
އަލުން އަނެއްކާވެސް އެމައްސަލަ ހުށަހަޅާނެކަން އެންމެ ފުރަތަމަ އިދިކޮޅު ކޯލިޝަނުން ހާމަކުރީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ. އެކަން ހާމަކުރައްވައި އޭރު އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލު އާދަމް އާސިފު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނުކުރީ ބޮޑެތި ޖަރީމާތަކެއް ހިންގުމަށްފަހު ކަމަށެވެ.
އާސިފު ވިދާޅުވެފައި ވަނީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރީ ވޯޓު ފޮށިތައް، އިންތިހާބާ ބެހޭ މަރުކަޒަށް ނުގެންދަނީސް ކަމަށެވެ. އަދި ނަތީޖާ އިއުލާނުކުރީ ޝަރީފު އަމިއްލައަށް ހެއްދެވި ލިސްޓަކާ އެއްގޮތަށް ކަމަށެވެ.
ޝަރީފާ ދެކޮޅަށް ތުހުމަތުކުރާ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި އެބަހުރި ކަމަށް ވެސް އާސިފު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު