ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލާނެ ކަމަށްބުނެ މަރުގެ އިންޒާރު ދިން މާލެ. ހ.ލައިޓްނައިޓް/ އިސްމާއީލް ޔާފިސް ގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ޔާފިސަށް ދައުވާ ކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް 2020 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓުތައް ކޮށްފައިވާ މައްސަލައިގައެވެ.
އެ މައްސަލައިގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ތިން ދައުވާއެއް ޔާފިސްގެ މައްޗަށް ވަނީ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ބުނީ އިދާރީ ސަބަބު ތަކަކާހުރެ އެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.
ޔާފިސަށް ކުރާ ދައުވާތަކުގެ ތެރެއިން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިދިޔަ އަހަރުގެ ސެފްޓެމްބަރު 21 ވަނަ ދުވަހު ޔާފިސް ހައްޔަރު ކުރީ އޭރު ރާއްޖޭން ބޭރުގައި ހުންނެވި، ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކުގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް"ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށްވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާދުވެސް އޭނާ ދީފައިވެއެވެ.