އިނގިރޭސި ޕްރިމިއާ ލީގު

ޑިބްރޭނާގެ ހިތްގައިމު ގޯލުން ޗެލްސީވެސް ބަލިކޮށް، ސިޓީ ތަށްޓާ ދިމާލަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ޗެލްސީވެސް ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގޯލު ދެވަނަ ހާފުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު، ކެޕްޓަން ކެވިން ޑިބްރޭނާއެވެ. މެޗުން މޮޅުވެ ސިޓީއަށް 22 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ޗެލްސީ ދެވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ލިވަޕޫލް އަދި 20 މެޗު ކުޅެފައި އޮތް އިރު، އެޓީމަށް ވަނީ 42 ޕޮއިންޓް ލިބިފައެވެ. ތަށީގެ ރޭހުގައި ސިޓީއާ ގާތްކުރުމަށް ލިވަޕޫލަށް މިވަގުތު އަތުގައި އޮތް ދެމެޗުވެސް ވަރަށް ބޮޑަށް މުހިއްމު ވާނެއެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ސިޓީން ކޮންޓްރޯލުގައި ކުޅުނު އިރު، ސިޓީން ޕާސްތައް ގިނަކޮށް މެޗު ކޮންޓްރޯލް ކުރަމުން ދިޔައެވެ. ޗެލްސީއަށް އެޓޭކް ކުރުމަށް ފުރުސަތު ހޯދަން އުނދަގޫ ވެގެން ދިޔަ އިރު، ފުރަތަމަ ހާފުގައި ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާގެ މުހިއްމު ދެ ސޭވްއެއް ފާހަގަކޮށްލެވުނެވެ. ޖެކް ގްރީލިޝް ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަވެސް ކެޕާ މަތަކުރި އިރު، ޑިބްރޭނާގެ ހަމަލާއެއްވެސް އޭނާ ވަނީ މަތަކޮށްފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ސިޓީން ޕާސްތައް ގިނަކޮށް ހަމަލާއަކަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ހާފުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ ޗެލްސީގެ ފަރާތުންނެވެ. މެދުތެރެއިން ކޮވަސިޗް ކުރިއަށް ދިން ބޯޅައަކަށް ކުރިއަށް ޖެހި ރޮމެލޫ ލުކާކޫ ފޮނުވާލި ހަމަލާ ސިޓީގެ ބްރެޒިލް ގޯލްކީޕަރު އެޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

އޭގެ ފަހުން ސިޓީން އަނެއްކާވެސް ކުރިއަށް ޕްރެސްކޮށް ޗެލްސީއަށް އުނދަގޫކޮށްލި އިރު، ޑިބްރޭނާގެ ގޯލު ފެނުނީ 70 ވަނަ މިނެޓުގައެވެ. މެދުތެރެއިން ބޯޅައާއެކު އެނބުރިލައި، ޗެލްސީގެ ކަންޓޭ ޖެހި ޓެކުލުންވެސް ސަލާމަތްވެ، އޭރިއާ ބޭރުން ޑިބްރޭނާ ޖެހި ބޯޅަ ވައްދާލީ ގޯލުގެ ކަނަށެވެ. ޑިފެންޑަރުން ކުރިމަތީގައި ތިއްބައި ހަނި ފުރުސަތެއް ހޯދައި ޑިބްރޭނާ ޖެހީ ހިތްގައިމު ގޯލެކެވެ.

އޭގެ ފަހުން ޗެލްސީގެ އެޓޭކް ލައިނަށް ބަދަލުތަކެއް ގެނެސް ގޯލަކަށް މަސައްކަތް ކުރި ނަމަވެސް ސިޓީން ވަނީ ޗެލްސީ ހުއްޓުވައި ތިން ޕޮއިންޓް ޔަގީންކޮށްފައެވެ.