ޚަބަރު

އަލީ ވަހީދު ރާއްޖެ ގެނައުން ލަސްވަނީ އިނގިރޭސި ބަހުން ކޯޓު އަމުރެއް ނުލިބިގެން: ފުލުހުން

ރިފާ ހަލީލު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޓަޕޯލް މެދުވެރިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރެއް ނެރެފައިވީ ނަމަވެސް އޭނާ ރާއްޖެ ނުގެނެވެނީ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރެއް ނުލިބޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ޖިންސީ ފުރައްސަރާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ކޯޓުގައި ކުރިއަށް ދަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނު ވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި، އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.

ނަމަވެސް މުއްދަތު ފަހަނަ އަޅައިގެން ދިޔައިރުވެސް އަލީ ވަހީދު ކޯޓަށް ހާޒިރު ނުވާތީ އަޑުބަރޭ އާ މެދު ފިޔަވަޅު އަޅަން ވަނީ ނިންމާފަ އެވެ. އެކަމަކު ކޯޓު ރިސެސް އަކަށް ދިޔުމުން އޭނާއާ މެދު އަދި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޯޓުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީވަހީދު ބަންދުކޮށްގެން ގެނައުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އަލީ ވަހީދު ގެނައުން ލަސްވަނީ އިންޓަޕޯލް އަށް ބޭނުންވާ މައުލޫމާތު ހިމެނޭހެން އިނގިރޭސިބަހުން ލިޔެފައިވާ ކޯޓު އަމުރެއް ނުލިބޭތީ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އިނގިރޭސި ބަހުން ލިޔެފައިވާ ކޯޓު އަމުރެއް ހޯދުމަށް މިދިޔަ މަހު ސިޓީއަކުން ކޯޓަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ އަމުރު ނުލިބުމުން މިދިޔަ ހަފުތާގައި އަލުން އަނެއްކާވެސް ކޯޓަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ.

"އިނގިރޭސި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ކޯޓާ ގުޅިގެން ދަނީ ކުރަމުން." އޮފިސަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި މުއްދަތަށް އޭނާއަށް ހާޒިރު ނުވުމުން އޮންލައިންކޮށް ޝަރީއަތްތައް ބާއްވައިދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދުގެ ޝަރީއަތްތައް ނުގެންދަން ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ޝަރީއަތްތައް އެގޮތަށް ބޭއްވުން ވަނީ ހުއްޓާލައިފައެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގި ނަމަވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަދި އެކަމާ ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑީ ކަމަށް ކަނޑައަޅައި ދެ މަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލާން ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ، އަލީ ވަހީދު ކޯޓުތަކަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި، އެކަމާ މެދު ކަމެއް ނުކުރެވި މައްސަލަތައް ހިންގޭ ގޮތް ނުވެ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި، ރާއްޖޭގައި ގާނޫނީ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެއްބާރުލުން ނުދީ ކޯޓަށް ހާޒިރު ނުވެ އަލީ ވަހީދު އުޅުމަކީ އެކަމާމެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.