މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި މަގުފާރުތަކުގައި ކުރަހާފައި ހުރި އެކި ކަހަލަ ގްރެފިޓީތައް ފޮހެ ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތައިލުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ފާރުތަކުގައި ހުރި ގްރެފިޓީތައް ސިޓީ ކައުންސިލުގެ މުވައްޒަފުން ސާފު ކުރަމުން އަންނައިރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ފޯރިމަރަމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
ހުސްވި ހަފުތާއިން ފެށިގެން ފުލުހުންނާއި ސިފައިން ގުޅިގެންވެސް ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މިއީ ގޭންގުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ރަސްމީ އިދާރާއަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
މާލޭގެ އެކި ސަރަހައްދުތަކަށް ގޭންގުތަކުން ބާރު ހިންގަމުންދާއިރު އެމީހުން އުޅޭ ސަރަހައްދުތަކުގެ ފާރުތަކުގައި އެމީހުންގެ ގޭންގުތަކުގެ ނަމާއި އެކި އެކަމަށް ހިތްވަރުދޭ އެކި އެކި ގްރެފިޓީތައް ކުރަހާފައި ހުރެ އެވެ.
މި ގްރެފިޓީތައް ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ފުލުހުން ފޯރި މަރާ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު