Close
ޚަބަރު

އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ޗައިނާ އާއި ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފި

މުހައްމަދު އިޝާން

އައްޑޫ ސިޓީ ކައުންސިލުން އެ ސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް ޗައިނާ އާއި ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ޗައިނާ އާއި ތުރުކީގެ ކުންފުންޏަކަށް ހަވާލުކޮށްފައިވަނީ 1000 އާއި 2000 އާ ދެމެދުގެ އަދަދަކަށް ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެކެވެ.

އައްޑޫ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ފްރޭމްވޯކު އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ބީޔޫސީއެންޖީ ކުންފުންޏާ އެކުއެވެ. އަދި ރެސިޑެންޝަލް ހައުސިން ޔުނިޓު އެޅުމަށް ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާ އެކުއެވެ. އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރުއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްްގައި ނިޒާރު ވިދާޅުވި، ތުރުކީ ކުންފުނީގެ މަސައްކަތަކަށް ވާނީ އައްްޑޫގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ، ނަމަވެސް މީހުން ދިރިނޫޅޭ ގޯތިތަކުގައި އިމާރާތްތަކެއް އެޅުން ކަމަށެވެ. އެގޮތަށް ހުރި ގޯތިތަކުގެ ވެރިންނާއި ތުރުކީ ކުންފުންޏާއެކު ވެވޭ އެއްބަސްވުންތަކަށް ފަހު ގިނަވެގެން ތިން މަސް ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ޗައިނާ ކުންފުންޏާއެކު އެއްބަސްވުމެއް ހެދީ ސޯޝަލް ހައުސިން މަޝްރޫއު ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް ހޯދަން ކަމަށްވާތީ ފްލެޓު އަޅާނެ އަދަދެއް އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ. ސޯޝަލް ހައުސިންގެ މަސައްކަތް އައްޑޫގައި ކުރިއަށްގެންދާނީ ބީޔޫސީއެންޖީގެ ފަރާތުން ކަމަށާއި އެ ކުންފުނީގެ މަސައްކަތް ފެށޭނެ ސީދާ ދުވަހެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އައްޑޫގައި މަދުވެގެން 2،000 ފްލެޓު އެޅިއްޖެނަމަ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.