ޚަބަރު

ޕީޕީއެމް ގެންގުޅެނީ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު، އެ ފިކުރު ބަލިކުރަން ޖެހޭ: ޝާހިދު

އަލީ ޔާމިން

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފިކުރަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު ކަމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންނަ ފެބްރުއަރީ މަހުގައި ބާއްވަން ހަަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކެމްޕޭނަށް، އެ ދާއިރާގައި ހިމެނޭ މަރޮއްޓަށް މިއަދު ވަޑައިގެން ޝާހިދު ވިދާޅުވީ، އެމްޑީޕީން ބޭނުންވަނީ ރަށްރަށް ތަރައްގީކުރަން ކަމަށާއި އެއްވެސް ރަށެއް ފަޅުކޮށްލުމަކީ އެމްޑީޕީގެ ނިޔަތެއް ނޫން ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕީޕީއެމްގެ ފިކުރަކީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު ކަމަށާއި ކޮމަންޑޫގެ ބައި-އިލެކްޝަނުގައި އެ ފިކުރު ބަލިކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވެސް ނިޔަތެއް ނެތް އެއްވެސް ރަށެއް ފަޅުކޮށްލާކަށް. ޕީޕިއެމުން ބޭނުންވަނީ އެ ރަށްތައް ފަޅުކޮށްލާފައި އެ ރަށްތައް ވިއްކާލަން. މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިއްޖެ ރާއްޖޭގެ ރަށްތަކަށް ހަދާލި ގޮތް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވި އިންތިހާބެއް ނޫން ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ހުސައިން ވަހީދު ގެނެސްދެއްވި ކަންކަން ކުރިއަށްގެންދިއުމަށް ރާޝިދަށް ވޯޓުދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެމެރިކާގައި އުޅުއްވުމަށް ފަހު، ޝާހިދު ރާއްޖެ ވަޑައިގަތީ ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދާ ވާދަކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު އިދުރީސްއެވެ.