ކޮވިޑް 19

ލަތާ މަންގޭޝްކަރަށް ކޮވިޑު ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

ލަތާ މަންގޭޝްކަރަށް ކޮވިޑު ޖެހި އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ލަތާއަށް ފަރުވާ ކުރަމުން އަންނަ މުމްބާއިގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ ފަރާތުން ޑރ. ޕްރަތީތު ސަމްދާނީ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ލަތާ އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވި ކޮވިޑް އަދި ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރަމުން އަންނަކަމަށެވެ. އައިސީޔޫގައި އެނދުމަތިކޮށް ކޮވިޑް އަދި ނިއުމޯނިއާއަށް ފަރުވާކުރަމުން އައި ނަމަވެސް އޭނާގެ ހާލަތު ނާޒުކު ނޫން ކަމުގައި އާއިލާގެ ފަރާތުން މީޑިއާއަށް ޔަގީންކޮށްދީފައިވެއެވެ.

އުމުރުން 92 އަހަރުގެ ލަތާ މަންގޭޝްކަރް އަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކަކަށް އުމުރުން 13 އަހަރުން ފެށިގެން ލަވަ ކިޔައިދެމުން އައިސްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔެކެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 70 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެމުން އައިސްފައިވާ ލަތާގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާޝާ ބޯޝްލޭ އަކީވެސް ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ.

ބައި ގަރުނަށްވުރެ ދިގު ލަވަކިޔުމުގެ ކެރިއަރެއް ބިނާކޮށްފައިވާ ލަތާ ވަނީ މީގެ ކުރިން ދުނިޔޭގެ ރެކޯޑު ފޮތަށް ވެސް އަރާފައެވެ. 1974ވަނަ އަހަރު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވަނީ 1948ވަނަ އަހަރުން ފެށިގެން 1974ވަނަ އަހަރާ ހަމައަށް 25،000 އަށްވުރެ ގިނަ ލަވަ ކިޔާފައިވާކަމަށް ރެކޯޑު ކުރެވިފައިވާތީއެވެ.

ދިގު ތާރީހީ ހިދުމަތާއެކު ލަތާއަށް މިހާތަނަށް އިންޑިއާގެ ގައުމީ ގިނަ އެވޯޑުތަކެއް ވަނީ ލިބިފައެވެ.